ޚަބަރު

ދައުލަތަށް ލިބުނީ 23.8 ބިލިއަން ރުފިޔާ، ޚަރަދުކުރީ 27.5 ބިލިއަން ރުފިޔާ


މިދިޔަ އަހަރު ދައުލަތުން 27.5 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 23.8 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 24 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރިނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ 23.8 ބިލިއަން ރުފިޔާއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އާމްދަނީގެ ގޮތުގައި 23.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ 16.4 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 6.3 ބިލިއަން ރުފިޔާ އަދި އެހީގެ ގޮތުގައި ލިބިފައިވާ 1.1 ބިލިއަން ރުފިޔާއެވެ. ޓެކްސްގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު ސަރުކާރުން ކުރިން ލަފާކުރީ 16.5 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބޭނެކަމަށެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ ލިބުނުއިރު، މިއީ ސަރުކާރުން ކުރިން ލަފާކުރި 5.6 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. ހިލޭ އެހީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސަރުކާރުން ލަފާކުރީ އެހީގެ ގޮތުގައި 2 ބިލިއަން ރުފިޔާ ލިބޭނެކަމަށެވެ.

2019 ވަނަ އަހަރު ދައުލަތުން ކުރި ޚަރަދުތަކަށް ބަލާލާއިރު، ޖުމްލަ ޚަރަދު އުޅެނީ 27.5 ބިލިއަން ރުފިޔާގައެވެ. ނަމަވެސް މިއީ ޚަރަދުވާނޭކަމަށް ސަރުކާރުން ކުރިން ލަފާކުރި 29 ބިލިއަން ރުފިޔާއަށްވުރެ މަދު އަދަދެކެވެ. ދައުލަތުގެ ޖުމްލަ ޚަރަދު 27.5 ބިލިއަންގައި އުޅޭއިރު، އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ރިކަރަންޓް ޚަރަދަށެވެ. ރިކަރަންޓް ޚަރަދަށް 20 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދިނުމަށް ހޭދަކުރި 9.8 ބިލިއަން ރުފިޔާއާއި ދައުލަތުގެ އިދާރީ ހިންގުމަށް ހޭދަވި 9.3 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސަރުކާރުން މިދިޔަ އަހަރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ކެޕިޓަލް ޚަރަދަށް ބަޖެޓްކުރި 9.9 ބިލިއަން ރުފިޔާއަށްވުރެ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ކެޕިޓަލް ޚަރަދު 7.2 ބިލިއަން ރުފިޔާގައި އުޅޭއިރު، އޭގެ ތެރެއިން ޕީއެސްއައިޕީ ނުވަތަ ތަރައްޤީގެ މަސައްކަތްތަކަށް ޚަރަދުކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާއެވެ. މިއީ އެކަމަށް ބަޖެޓްކުރި 7.2 ބިލިއަން ރުފިޔާއަށްވުރެ މަދު އަދަދެކެވެ.

2019 ވަނަ އަހަރު ދައުލަތުން 27.5 ބިލިއަން ރުފިޔާ ޚަރަދުކޮށް، 23.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދިއިރު، 2019 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނި އުޅެނީ 3.63 ބިލިއަން ރުފިޔާގައެވެ. މިއީ 2019 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓްވާނެކަމަށް ސަރުކާރުން ކުރިން ލަފާކުރި 4.9 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު މަދު އަދަދެކެވެ.