ދުނިޔެ

އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ ދެ މަރުޒަކަށް އީރާނުން ހަމަލާދީފި


އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ ދެ މަރުޒަކަށް އީރާނުން ހަމަލާދީފިއެވެ.

އެމެރިކާ ސިފައިން ގާއިމުވެތިބޭ އަސްކަރީ ދެ މަރުކަޒަކަށް އީރާނުން ރޭފަތިހުގެ ވަގުތެއްގައި ހަމަލާދިނީ ކުރޫޒް މިސައިލުންނެވެ. މިހަމަލާތަކުގައި ލިބުނު ގެއްލުމެއް އަދި އެމެރިކާގެ ސިފައިންގެ މީހަކަށް އަނިޔާއެއްވިކަމެއް އަދި ސާފެއް ނުވެއެވެ.

ޕެންޓަގަނުން ބުނެފައި ވަނީ އިރްބީލް އާއި އަލް އަސްއަދުގައިވާ ދެމަރުކަޒަކަށް އީރާނުން ހަމަލާދީފައި ވާކަމަށެވެ.

މިހަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުރިހާކަމެއް ރަނގަޅުކަމަށެވެ.

އިރާގުގައިހުރި އެމެރިކާގެ އަސްކަރީ ދެ މަރު ކަޒަކަށް އީރާނުން ހަމަލާދިންކަން އެގިވަޑައިގެންފައިވާކަމަށާއި، ލިބުނުގެއްލުމާއި ހާނިއްކަވިމީހުންނާބެހޭ ކަންކަން ސާފުކުރެވެމުންދާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއަކީ އެންމެ ބާރުގަދަ އަދި އަސްކަރީގޮތުން އެންމެ ފުރިހަމައަށް ތައްޔާރުވެ ހަތިޔާރުއޮތް ގައުމުކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. މިހަމަލާއާބެހޭގޮތުން ބަޔާނެއް ދެއްވާނެކަމަށްވެސް ޓްރަމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އީރާނުން އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދިނީ އެމެރިކާއިން މަރާލި އެގައުމުގެ ކޮމާންޑަރ ޖެނެރަލް ގާސިމް ސުލައިމާނީގެ ޖަނާޒާ ބޭއްވިތާ ވަގުތުކޮޅެއް ފަހުންނެވެ.

އީރާނުގެ ޚާރިޖިއްޔާއިންބުނީ މިއީ އެގައުމުގެ އިސްލީޑަރަކު އަވަހާރަކޮށްލުމުން އަމިއްލަދިފާއުގައި ދިން ހަމަލާއެއްކަމަށާއި ހަގުރާމައެއްކުރަން އީރާނުން މަސްރަހު ގޯސްކުރަމުން ނުގެންދާނޭކަމަށެވެ.

އެހެންނަމަވެސް އީރާނަށް އެމެރިކާއިން ހަމަމަލާއެއްދީފިނަމަ ރައްދުދޭނެކަމަށާއި އަވަށްޓެރި ގައުމެއްގެ އަސްކަރީ ބޭހެއް އެމެރިކާއިން ބޭނުންކޮށްފިނަމަ އެގައުމަކަށް އީރާނުން ހަމަލާދޭނެކަމުގެ އިންޒާރުވެސް އީރާނުން ދީފައިވެއެވެ.

މީގެ އިތުރުން މީގެ ކުޑައިރުކޮޅެއް ކުރިން ޚަބަރު ލިބުނު ގޮތުގައި އީރާނުގެ ތެހެރާން އެއާޕޯޓުން 180 މީހުންނާ ފުރި ޔޫކްރެއިންގެ މަތިންދާ ބޯޓެއްްވެސް ވަނީ ވެއްޓިފައެވެ.