މިއީ މިއަދު ދުނިޔޭގައި ހިނގި ކަންކަމުގެ ތެރެއިން ފާހަގަ ކުރެވުނު ބައެއް ޙާދިސާތަކެވެ.
2012ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެނަކު ރޭޕްކޮށް މަރާލުމުގެ ކުށް ސާބިތުވި 4 މީހުން މިމަހުގެ 22ވަނަ ދުވަހު ދަންޖައްސާ މެރުމަށް އެޤައުމުގެ ކޯޓަކުން ނިންމައިފިއެވެ.
އެކްސްކްލޫސިވް އެކޮނޮމިކް ޒޯން (އީއީޒެޑް)ގެ މައްސަލާގައި ޚިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައި އިންޑޮނޭޝިޔާގެ އަސްކަރީ ބާރު ދެއްކުމުގެ ބޭނުމުގައި އެޤައުމުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ދެކުނު ޗައިނާ ކަނޑަށް ފޮނުވައިފިއެވެ. މިޚިޔާލު ތަފާތުވުން ފެތުރިފައިވަނީ ޗައިނާގެ މަސް ބޯޓުތަކަކާއެކު ކޯސްޓް ގާޑުގެ އުޅަނދެއް އިންޑޮނޭޝިޔާގެ ކަނޑުގެ ސަރަޙައްދަށް ވަނުމުންނެވެ. ޗައިނާއާއި އިންޑޮނޭޝިޔާއަކީ ޒަމާންވީ ގާތްގުޅުމެއް އޮންނަ ދެޤައުމެވެ. އެގޮތުން ޗައިނާއަކީ އިންޑޮނޭޝިޔާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. އަދި އިންޑޮނޭޝިޔާގައި އެންމެ ގިނަ އިންވެސްޓްވެސް މިހާތަނަށްކޮށްފައިވަނީ ޗައިނާއިންނެވެ.
ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން ސޫރިޔާއަށް ވަޑައިގެން އެޤައުމުގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރައްވައިފިއެވެ. ޕުޓިން ބައްޝާރާ ބައްދަލުކުރެއްވީ ރަޝިޔާއާއި ސޫރިޔާއާ ގާތްގުޅުމެއް އޮންނަ އީރާނުގެ އަސްކަރީއެއްވެރިއެއް އެމެރިކާއިން މަރާލުމުން މެދުއިރުމަތީގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިއީ 2011ވަނަ އަހަރު ސޫރިޔާގެ ދާޚީލީ ހަނގުރާމަ ފެށުނު ފަހުން ޕުޓިން އެޤައުމަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.
އެމެރިކާއިން ދިން ވައިގެ ޙަމަލާތަކެއްގައި އީރާނުގެ އަސްކަރީވެރިއެއްކަމަށްވާ ޤާސިމް ސުލައިމާނީ މަރާލީ އީރާނުގެ ސަރުކާރުގެ މަންދޫބެއްގެ ގޮތުން ޢިރާޤުގެ ބޮޑުވަޒީރު ޢާދިލް ޢަބްދުލް މަހްދީއާ ބައްދަލުކުރައްވަން ބަޣްދާދުގައި ހުންނަވަނިކޮށްކަމަށް ހާމަވެއްޖެއެވެ. ޢިރާޤުގެ ބޮޑުވަޒީރުގެ ވާހަކަތަކުން ހާމަވެފައިވާގޮތުގައި މެދުވެރިއެއްގެ ދައުރު ޢިރާޤުން އަދާކޮށްގެން އީރާނާ ސަޢުދީ ޢަރަބިއްޔާއިން މަޝްވަރާކުރަމުންނެވެ. ނަމަވެސް، އެމެރިކާއިންވަނީ ސުލައިމަނީ ޢިރާޤަށް ދިޔައީ އީރާނުގެ ސަރުކާރުގެ މަންދޫބެއްގެ ހައިސިއްޔަތުންކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.
އީރާނުގެ ރިވަލިއުޝަނަރީ ގާޑްސްގެ ގޮތްޕެއްކަމަށްވާ ޤުދުސް ފޯސަށް އެޤައުމުގެ ސަރުކާރުން ދޭ މާލީ އެހީތެރިކަން އިތުރުކުރުމަށް އެޤައުމުގެ ޤާނޫނުހަދާ މަޖިލިހުން ފާސްކޮށްފިއެވެ. އެގޮތުން، ޤުދުސް ފޯސަށް 200 މިލިއަން ޔޫރޯ ދިނުމަށްވަނީ ފާސްކޮށްފައެވެ. މިނިންމުން އައިސްފައިވަނީ އެމެރިކާއިން ދިން ވައިގެ ޙަމަލާތަކެއްގައި ޤުދުސް ފޯސްގެ އިސްވެރިޔާ ޤާސިމް ސުލައިމާނީ މަރުވެފައިވާ ދަނޑިވަޅެއްގައެވެ.