ޚަބަރު

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަން ފަށައިފި


ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަން ފަށައިފިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، މިފަހަރު މަރާމާތު އިންސްޕެކްޝަން ކުރަމުން ދަނީ މިހާތަނަށް، ފްލެޓްތަކުގެ މައްސަަލަތައް ރިޕޯޓްކޮށްފައިވާ ފްލެޓްތައް ކަމަށެވެ.

މިގޮތުން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އެފްލެޓްތަކުގެ ހާލަތު ބެލުމަށް ހައުސިންގ މިނިސްޓްރީގެ ޓީމްތައް ޒިޔާރަތް ކުރާނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.

އަދި މިހާތަނަށް ފްލެޓްތަކުގެ މަރާމާތުގެ މައްސަލަތައް ހުށައަޅުއްވާފައި ނުވާ ފަރާތްތަކުން، ފްލެޓް މަރާމާތަށް އެދޭ ފޯމް ފުރިހަމަކުރައްވައި، މިހިނގާ ޖެނުރައީ މަހުގެ 16ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ހައުސިންގ މިނިސްޓްރީގެ ކައުންޓަރަށް ހުށައެޅުއްވުމަށް އެދޭ ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، މިފަހަރުގެ އިންސްޕެކްޝަންވެސް ކުރިއަށް ގެންދަނީ އެންމެ ފަހުން ދޫކުރި 704 ފްލެޓްގައި ފެންލީކުވުމުގެ މައްސަލަތާއި އެނޫންވެސް މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާތީ، އެކަންކަން ދެނެގަތުމަށް ކަމަށެވެ.

އަދި އެފަދަ މައްސަލަތައް ފާހަގަކުރެވިފައިވާ ފްލެޓްތަކުގެ މަރާމާތުގެ މަސައްކަތް ހުސްވި އަހަރުގެ މެއި މަހުގެ ތެރޭގައިވެސް ކުރިއަށް ގެންގޮސްފައި ވާކަަމަށެވެ.

ފްލެޓްތައް މަރާމާތު ކުރުމުގެ މަސައްކަތްކުރާނީ އެފްލެޓްތައް ބިނާކުރި ކޮންޓްރެކްޓަރ، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނާއި ހައުސިންގ މިނިސްޓްރީ އާއި ގުޅިގެން ކަމަށާއި އަދި އެމަސައްކަތުގައި ހައުސިންގ ޑިވެލޮޕްމެންޓްކޯޕަރޭޝަން އެޗްޑީސީންވެސް އެހީތެރިވާނެ ކަމުގައި ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހައުސިންގ މިނިސްޓްރީގެ ޓީމެއް މިއަދު ވަނީ، މަރާތަށް ބޭނުންވާ ފްލެޓްތަކުގެ ހާލަތުވެސް ބައްލަވާ ލައްވާފައެވެ.

މީގެ އިތުރުން އެޓީމްގެ ބޭފުޅުން ވަނީ، އެޗްޑީސީގެ ބޭފުޅުންނާއި ބައްދަލު ކުރައްވައި ފްލެޓްތަކުގެ މަރާމާތާއި ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީމަހު މީހުން ދިރިއުޅެންފެށި 704 ފްލެޓްގެ ތެރެއިން ބައެއް ފްލެޓްތަކުން ފެންލީކުވުމުގެ މައްސަލަތަކަކީ މީގެ ކުރިންވެސް ވަރަށް ބޮޑުވެފައިވާ މައްސަލަ އެެކެވެ. އެއިން ކޮންމެ ފުލެޓަކުން މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1000ރ ނަގައެެވެ.