ކުޅިވަރު

ޔުނައިޓެޑަށް ކޯޗުކޮށްނުދޭނަން: ގާޑިއޯލާ


މެންޗެސްޓާރ ޔުނައިޓެޑަށް ދުވަހަކުވެސް ކޯޗުކޮށްނުދޭނެ ކަމަށް ވާދަވެރި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ލީގު ކަޕުގައި މިދެ ޓީމު މިރޭ ކުޅެން ޖެހޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ޔުނައިޓެޑަށް އޭނާ ވަރަށް ބޮޑަށް އިހްތިރާމް ކުރާ ކަމަށާއި ނަމަވެސް އެކުލަބަށް ކޯޗުކޮށްނުދޭނެ ކަމަށެވެ.

"އަހަރެން ކޯޗުކޮށްދިން ޓީމެއްގެ ވާދަވެރި ޓީމަކަށް ކޯޗުކޮށްނުދޭނަން. ސިޓީ އަށް ކޯޗުކޮށްދީފައި ޔުނައިޓެޑަށް ކޯޗުކޮށްނުދެވޭނެ. މިގޮތުން ސްޕޭނުގެ ރެއާލް މެޑްރިޑަށް ވެސް ކޯޗުކޮށްނުދެވޭނެ،" ބާސެލޯނާގެ ކުރީގެ ކޯޗު އަދި ކެޕްޓަން ބުންޏެވެ.

ގާޑިއޯލާ ބުނީ އޮލޭގަނާ ސޮލިޝަޔާގެ ކޯޗުކަމުގައި ޔުނައިޓެޑްގެ މިސްރާބު ރަނގަޅު ކަމަށާއި ކާމިޔާބު ކުލަބެއްގެ ގޮތުގައި ޔުނައިޓެޑް އަދި ފެނިގެންދާނެ ކަމަށެވެ.

"ކޮންމެ ކުލަބަކަށް އަންނާނެ އަޑިގުޑަން ދުވަސްތަކެއް. ޔުނައިޓެޑް މިހާރު އޮތީ ރަނގަޅު މިސްރާބެއްގައި. ސޮލިޝަޔާގެ ކޯޗުކަމުގައި އެކުލަބު އެދަނީ ކާމިޔާބީގެ މަގަށް އެޅެން ވަރަށް ކައިރިވަމުން،" ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން އަށް ފަހު ޓީމުގެ ކޯޗުކަމަށް ގެންނަން އުޅުނު ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ވަޒީފާއެއްނެތި ހުންނަންޖެހިއްޖެނަމަ ފަހަރުގައި އޭނާ ހުންނާނީ ދިވެހިރާއްޖޭގައި ކަމަށެވެ. ނަމަވެސް ރާއްޖޭގެ (ބައެއް ރިސޯޓްތަކުގައި) ގޮލްފް ކުޅެވޭނެ ގޮތެއް ނެތުމުން އެނޫން ތަނެއްވެސް އިހްތިޔާރުކުރަން ޖެހިދާނެ ކަމަށެވެ. ގާޑިއޯލާ ބުނީ މި ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރުމުގެ އުއްމީދު އަދި ދޫކޮށްނުލާ ކަމަށާއި އެއްވަނާގައިވާ ލިވަޕޫލާ 13 ޕޮއިންޓް ފަހަތުގައި އޮތަސް އޭނާގެ ކުޅުންތެރިން ހިތްވަރު ދޫކޮށްނުލާނެ ކަމަށެވެ.