ކ. ކަގި ކައިރިއަށް ފަރަށް އަރާފައިވާ، "ޓީ.ޓީ.އެސް ފާން" ދޯނީގެ ކެޕްޓަން، ކުޅުދުއްފުށީ ހަވީރީނާޒް، މުޙައްމަދު ޔޫސުފް (37އ) ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާ ކަމުގައި އެމްއެންޑިއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، މިއަދުވެސް އޭނާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ލޯންޗު ނޫރައްދީން ކަނޑގެ ސަރަހައްދު ބަލަމުން ގެންދާއިރު، އެސަރަހައްދަށް ކޯސްޓްގާޑުގެ ޑައިވަރުން ފީނަމުން ގެންދާ ކަމަށެވެ.
މިގޮތުން ކަގި ފަރާއި، އެފަރުގެ ކަނޑު އޮޅީ ހިމެނޭ ސަރަހައްދު ޑައިވްކޮށްގެން ބަލަމުންދާއިރު މިހާތަނަށް މުހައްމަދު ޔޫސުފްގެ އެއްވެސް ޚަބަރެއް ވެފައެއ ނުވެއެވެ.
ނަމަވެސް ސޯޓަކާއި މާސްކެއް އެސަރައްހަދުން ޑައިވަރުންނަށް ފެނިފައިޥާ އިރު އެތަކެއްޗަކީ މުހައްމަދު ޔޫސުފް ގެންގުޅުނު ތަކެތިކަން އަދި ކަށަވަރު ވެފައެއް ނުވެއެވެ.
މުހައްމަދު ޔޫސުފް ގެއްލުނު ހާދިސާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި އިރު، އެހާދިސާ ފުލުހުން ތަހުޤީޤު ކުރަމުންދާކަމުގައި ފުލުހުންވަނީ ވިދާޅުވެފައެވެ.
ކ ކަގި ފަރަށް "ޓީ.ޓީ.އެސް ފާން" ދޯނި އުރުނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތުގައި ކަމަށާއި، އާދީއްތަ ދުވަހުގެ ރޭވެސް މުހައްދު ޔޫސުފް އެދޯނީގައި އުޅުނުކަމަށް ދޯނީގެ ފަޅުވެރިންގެ ފަރާތުން އާއިލާއަށް މައުލޫމާތު ދީފައިވެއެވެ.
މުހައްމަދު ޔޫސުފްގެ ކޮއްކޮއަކު ޕީއެސްއެމްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މުހައްމަދު ޔޫސުފުގެ ޚަބަރެއް ނުވަނީ އާދީއްތަ ދުވަހުގެ ރޭގެ މެންދަމުން ފެށިގެން ކަމުގައި ދޯނީގެ ފަޅުވެރިއަކު ބުނެފައިވާ ކަމަށެވެ. އަދި ދޯނީގައި މުހައްމަދު ޔޫސުފް ފިޔަވައި އިތުރު ދިވެއްސަކާއި ދެބިދޭސީން ތިބި ކަމުގައި ދޯނި ދުއްވާ ކުންފުނިން ބުނެފައިވާ ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
ނަމަވެސް އެމްއެންޑީއެފުން ވިދާޅުފައި ވަނީ ދޯނީގައި ތިބީ، ގެއްލުނު ކެޕްޓަން މުހައްމަދު ޔޫސުފާއި ބިދޭސީ ދެފަޅުވެރިން ކަމަށެވެ. އަދިވެސް ބިދޭސީ ދެފަޅުވެރިން ތިބީ ދޯނީގައި ކަމަށާއި ދޯނީގެ ވެރިފަރާތުން ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންދާކަމުގައި އެންމެއެންޑީއެފުން ވިދާޅުވެއެވެ.
ދޯނިފަރަށް އެރި ހާދިސާ އާއި ގުޅޭ ގޮތުން ސުވާލުތައް އުފެދިފައި ވަނީ، "ޓީ.ޓީ.އެސް ފާން" ދޯނި ކ ކަގި ފަރަށް އަރާފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނު ކަމަށް ވެފައި، އެކަން ކޯސްޓްގާޑަށް ރިޕޯޓް ނުކޮށް، ހޯމަ ދުވަހުގެ ހެނދުނު ކޯސްޓް ގާޑަށް ރިޕޯޓް ކުރީ ކެޕްޓަން ގެއްލިގެން ކަމަށް ވުމުންނެވެ.
އަދި އާދީއްތަ ދުވަހު އެދޯނި ކ ކަގި ފަރަށް އަރާފައި އޮއްވައި އެސަރަހައްދުން ދަތުރުކުރި އުޅަނދަކުން ނަގާފައިވާ ފޮޓޯއެއް މިހާރު ސޯޝަލް މީޑއިާގައި ދަނީ ދައުރުވަމުންނެވެ. އެފޮޓޯއިން ފެންނަ ގޮތުގައި އެދޯނި ފަރަށް އަރާފައި އޮތް އިރު އޭގައި ތިން މީހުން ތިއްބެވެ.
މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުން ގެންދާތީ "ޓީ.ޓީ.އެސް ފާން" ދޯނި ފަރަށް އެރި ހާދިސާ އާއި އަދި ކެޕްޓަން ގެއްލުނު ހާދިސާ އާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ދެވެން ނެތްކަމުގައި އެދޯނި އޮޕަރޭޓްކުރާ ކުންފުނިން ވަނީ ބުނެފައެވެ.