މިއީ މިއަދު ދުނިޔޭގައި ހިނގި ކަންކަމުގެ ތެރެއިން ފާހަގަ ކުރެވުނު ބައެއް ޙާދިސާތަކެވެ.
މިދިޔަ ހަފުތާގައި އިންޑޮނޭޝީޔާގެ ވެރިރަށް ޖަކާޓާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 53އަށް އަރައިފިއެވެ. މިޙާދިސާތަކުގައި ޖަކާޓާއަށް ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ ޢަދަދެއްގެ ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި ބައެއް ސަރަޙައްދުތަކުން ފެނާ ކަރަންޓުވަނީ ކެނޑިފައެވެ.
އެމެރިކާގެ ނޯތް ކެރޮލީނާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއްކަމަށްވާ ފޯޓް ބްރެގުން އެއަރބޯން ޑިވިޝަންގެ 82ވަނަ ފައުޖުގެ ސިފައިން މެދުއިރުމައްޗަށް ދިއުމަށް ފުރައިފިއެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނީ އިތުރު ސިފައިން މެދުއިރުމައްޗަށް ފޮނުވަނީ ދިމާވެދާނެ ނުރައްކަލުން އެސަރަޙައްދުގައި ތިބި އެމެރިކާ ރައްޔިތުންނާއި މުދާ ސަލާމަތްކުރުމަށެވެ. އެމެރިކާއިން ދިން ވައިގެ ޙަމަލާއެއްގައި އީރާނުގެ އަސްކަރިއްޔާގެ އިސްވެރިއެއްކަމަށްވާ ޤާސިމް ސުލައިމާނީ މަރުވުމުން މެދުއިރުމަތީގެ ޙާލަތު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އެސަރަޙައްދަށް އިތުރު 3،000 ސިފައިން ފޮނުވުމަށް އެމެރިކާގެ ސަރުކާރުންވަނީ ނިންމާފައެވެ.
ހަނގުރާމައެއް ކުރުމަށް އީރާނުން ބޭނުންނުވި ނަމަވެސް އެޤައުމުން އޮތީ ކޮންމެފަދަ ޙާމަތަކަށްވެސް ތައްޔާރަށްކަމަށް އެޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އައްބާސް މޫސަވީ ވިދާޅުވެއްޖެއެވެ. އީރާނުން މިހެން ބުނީ އެޤައުމުގެ އަސްކަރިއްޔާގެ އިސްވެރިއެއްކަމަށްވާ ޤާސިމް ސުލައިމާނީ އެމެރިކާއިން ދިން ޙަމަލާއެއްގައި މަރުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިންވެސް ބުނެފައިވަނީ އީރާނާއެކު އަސްކަރީ ކުރިމަތިލުމަކަށްދާން ބޭނުންނުވާކަމަށެވެ.
އެމެރިކާއިން ދިން ވައިގެ ޙަމަލާއެއްގައި އީރާނުގެ އަސްކަރިއްޔާގެ އިސްވެރިއެއްކަމަށްވާ ޤާސިމް ސުލައިމާނީއާއި ޢިރާޤުގެ ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާޢަތެއްގެ ވެރިއެއްކަމަށްވާ އަބޫ މަޙްދީ އަލްމުހަންދިސް މަރުވުން ޢިރާޤުން އެމެރިކާ ސިފައިން ބޭލުމަށް ގޮވާލާ އަޑުތައް ގަދަވެއްޖެއެވެ. ޢާންމުންގެ ޝުޢޫރުތަކާ އެއްގޮތަށް ޢިރާޤުގެ ޤާނުނު ހަދާ މަޖިލިހުން މިހާރުވަނީ ޢިރާޤުން އެމެރިކާ ސިފައިން ބޭލުމަށް ޤަރާރެއްވެސް ފާސްކޮށްފައެވެ. ޢީރާޤުގައި މިވަގުތު އެމެރިކާގެ 5،000 ސިފައިން އެބަތިއްބެވެ.
ކެންޔާގައި ހުންނަ އެމެރިކާގެ އަސްކަތީ މަރުކަޒަކަށް ސޯމާލިޔާގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ އަލްޝަބާބުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އެޖަމާޢަތުންވަނީ ޙަމަލާގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ޢާންމުކޮށްފައެވެ. މި ޙަމަލާއާ ގުޅިގެން ލިބުނު ގެއްލުމުގެ ތަގްޞީލެއް ކެންޔާއިންވެސް އަދި އެމެރިކާއިންވެސް ހާމަކޮށްފައެއް ނުވޭއެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ މުސްކުޅި މީހާކަމަށްވާ ޖަޕާނުގެ ކާނޭ ޓަނަކާއަށް އުމުރުން 117 ފުރިއްޖެއެވެ. ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ މަޤާމު އޭނާއަށް ގިނިސް ވޯލްޑް ރެކޯޑުން ދީފައިވަނީ މިދިޔަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން 116 އަހަރާއި 66 ދުވަހެވެ.
ޖަޕާނުގެ މަސްމާރުކޭޓެއްގައި 1.8 މިލިއަން އެމެރިކާ ޑޮލަރަށް 276 ކިލޯގެ ކަންނެއްޔެއް ވިއްކައިލައިފިއެވެ. މިއީ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އަގުގައި ވިއްކާލި ކަންނެއްޔެވެ. އެންމެ އަގުބޮޑުކޮށް ވިއްކާލި ކަންނެއްޔަކީ މިދިޔަ އަހަރު ޖަޕާނުގެ މަސްމާރުކޭޓުގައި 3 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލި ކަންނެއްޔެކެވެ.