ޚަބަރު

އައިޔޫއެމްގެ 6 ކުއްލިއްޔާއަކަށް އިސްވެރިން ހަމަޖައްސަވައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާތަކަށް އިސްވެރިން އައްޔަނުކޮށް މަޤާމުގެ ފަތްކޮޅުތައް އެބޭފުޅުންނާއި ހަވާލުކުރައްވައިފިއެވެ.

ކުއްލިއްޔާތަކުގެ ޑީންގެ މަޤާމުގެ ފަތްކޮޅު ޙަވާލުކޮށްފައި ވަނީ އެކަމަށްޓަކައި އައިޔޫއެމްގައި ބޭއވްި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އައިޔޫއެމްގެ 6 ފެކަލްޓީއަކަށް ޑީނުން އައްޔަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙަސަން ވިދާޅުވީ އައިޔޫއެމް އިތުރަށް ހަރުދަނާކުރުމަށް އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރެއްވުމަކީ މުހިއްމުކަމެއް ކަމަށެވެ.

އަދި އަލަށް ޒިންމާ ހަވާލު ކުރެވުނު ބޭފުޅުންނާއި ގުޅިގެން މަސައްކަތްކޮށް ކުއްލިއްޔާތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރެއްވުމަށް ޗާންސެލަރ އެދިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވަނީ ދިވެހިން ދިރާސާކުރުމަށް އަހުލުވެރިކުރުވުމަށް މަސައްކަތްކުރަމުން އަންނައިރު އައިޔޫއެމްއިންވެސް މިއަހަރަކީ ދިރާސާކުރުމުގެ އަހަރެއްގެ ގޮތުގައި ހެއްދެވުމަށް ގޮވާލައްވާފައެވެ. އެގޮތުން ކޮންމެ ކުއްލިއްޔާއަކުންވެސް އެ ކަމަށްޓަކައި މަދުވެގެން އެއް ދިރާސާ މިއަހަރުތެރޭ ހެދުމަށް ކުއްލިއްޔާތަކަށް އައްޔަންކުރި ޑީނުންގެ ކިބައިންވަނީ އެދިވަޑައިގަންނަވާފައެވެ.

އިސްލާމީ ޔުނިވަރސިޓީގެ 6 ކުއްލިއްޔާއަކަށް ޑީނުން ވަނީ ހަމަޖައްސާފައެވެ.
ސެންޓަރ ފޯރ ޕޯސްޓްގުރެޖުއޭޓް ސްޓަޑީޒް ގެ ޑީންގެ މަގާމަށް ޑރ.ޢަބްދުﷲ ޖަމީލް
ސެންޓަރ ފޯރ ރިސަރޗް އެންޑް ޕަބްލިކޭޝަން ގެ ޑީންގެ މަގާމަށް ޑރ.އިސްމާޢީލް ޝަފީއު
ކުއްލިއްޔާ އޮފް އަރަބިކް ލެންގުއޭޖް ގެ ޑީން އިސްޙާޤު މުޙައްމަދުފުޅު
ކުއްލިއްޔާ އޮފް އެޑިއުކޭޝަން ގެ ޑީން ގެ މަގާމަށް ޑރ.ޢައިޝަތު ރީޝާ
ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް ގެ ޑީންގެ މަގާމަށް އަޙްމަދު ސަލީމް ޙުސެއިން
ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީންގެ މަގާމަށް މުޙައްމަދު ޝުޖާއު ޢަބްދުލްޙަކީމް

ކުއްލިއްޔާތަކަށް ޑިނުން އައްޔަންކޮށްފައި ވަނީ ޢާއްމުކޮށް ހުޅުވާލައިގެން ކުރި ޢިއުލާނަކަށް ކުރިމަތިލީ ފަރާތްތަކުގެތެރެއިން ޝަރުތުހަމަވާ މީހުންގެ މެދުގައި އިންޓަވިއުކުރުމަށްފަހުކަމަށް އައިޔޫއެމުން ވިދާޅުވެއެވެ.

މީގެތެރެއިން ރިސަރޗް ސެންޓަރުގެ ޑީން ޑރ. އިސްމާޢީލް ޝަފީޢުއާއި ފޯސްޓް ގުރެޖުއޭޓް ސްޓަޑީޒްގެ ޑީންކަމަށް އައްޔަންކުރި ޑރ.ޢަބްދުﷲ ޖަމީލް ފިޔަވާ އެހެން ބޭފުޅުންނަކީ ކުރިންވެސް އައިޔޫއެމްގެ ކުއްލިއްޔާތަކުގެ ޑީނުންގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވި ބޭފުޅުންނެވެ. މިއަހަރު ޑީނުންގެ ގޮތުގައި ހަމަޖެހިގެންދިޔަ ބޭފުޅުން ކުރިއަށް އޮތް 4 އަހަރު އެމަޤާމްތަކުގައި މަސައްކަތްކުރައްވާނެއެވެ.