ޚަބަރު

ކަރެކްޝަންސްގެ އޮފިސަރުންނަށް އެކިކަހަލަ ގޯނާތައް ކުރިމަތިވޭ - ކޮމިޝަނަރ އޮފް ޕްރިޒަންސް


ޖަލުތަކުގައި ބަންދުކުރެވޭ ގައިދީންގެ ފަރާތުން ކަރެކްޝަންސްގެ އޮފިސަރުންނަށް އެކިކަހަލަ ގޯނާތައް ކުރިމަތިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ. މުނާޒު ވިދާޅުވީ އޮފިސަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލުތައް ބަލަހައްޓާ އޮފިސަރުންނަށް ދޭތެރެ ދޭތެރެއިން ގޯނާތައް ކުރިމަތިވާކަމަށެވެ. އަދި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށްވެސް ހެޔޮ ގޮތް ވިސްނައިދީ އިސްލާޙުކޮށް ރިހިބެލިޓޭޓްކޮށް މުޖުތަމަޢަށް ބޭނުން ހިފޭ ބަޔަކަށް ހެދުމަކީ ކަރެކްޝަންސްގެ އަމާޒުކަމަށެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު މިޙާދިސާގައި ބަޔަކަށް އަނިޔާވެފައިވާކަމަށްވެސް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިހަމަނުޖެހުން ހިންގަން މެދުވެރިވީ ޖަލުގައި ތިބި ގައިދީންތަކެއް ޖަލުގައި ބޭސްފަރުވާގެ ކަންކަން ލަސްވާތީ ޝަކުވާކޮށްގެން ގައިދީންތަކެއް ގޮޅިން ނެރެ އެމީހުންނަށް ކަރެކްޝަންސްގެ އޮފިސަރުން އަނިޔާކުރުމުންކަމަށް މީޑިއާގައިވަނީ ރިޕޯޓުކޮށްފައެވެ.