ޚަބަރު

ނަސްރުﷲ ހޯދުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް


ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ކަނޑަށް ގެއްލުނު ބ.އޭދަފުށީ މުޝްތަރީގޭ ނަސްރުﷲ ޢަބްދުﷲ ހޯދުމަށް ސިފައިން މިއަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިއެކްސިޑެންޓެއްގައި ނަސްރުﷲ ކަނޑަށްވެއްޓި ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަހަށް ނިކުމެ އުޅެނިކޮށްނެވެ. ނަސްރުﷲ ހޯދުމުގެ މަސައްކަތް ޑައިވިންގ ރޮބަޓާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ސިފައިން އަންނަނީ ކުރަމުންނެވެ. ކޯސްޓް ގާޑުގެ ޑައިވަރުންވެސް މިސަރަޙައްދު ބަލަމުންދާއިރު ކޯސްޓް ގާޑު ލޯންޗުންވެސް އަންނަނީ ކަނޑުގެ ސަރަޙައްދު ބަލަމުންނެވެ. ޙާދިސާގައި ގެއްލުނު މީހާ ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެއްޓުނީ ސީދާކޮން ސަރަޙައްދެއްކަން ނޭނގުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޑިންގީގައި ނަސްރުﷲއާއެކު ތިބި އިތުރު 2 މީހުންނާ ޙަވާލާދީ ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ މާޖިދު ވިދާޅުވީ، ޑިންގީގައި ލޯންޗު އައިސްޖެހުނީ ފަހަތުން ކަމަށެވެ. އަދި ޑިންގީގައި އެމީހުން ނުކުމެ އުޅުނީ މަސްވެރިކަން ކުރަން ކަމަށާ، އެކްސިޑެންޓު ހިނގީ ރަށަށް އެނބުރި އަންނަނިކޮށް ކަމަށް ޑިންގީގައި ތިބި އަނެއް ދެމީހުން ބުނެފައިވާ ކަމަށެވެ.

މިޙާދިސާގައި ލޯންޗު ދުއްވަން ހުރި ކައްޕިއަށްވެސް އަނިޔާވެފައިވާކަމަށާއި މިހާރު އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.