ޚަބަރު

ފެރީ ލޯންޗާއި ޑިންގީ ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިގެން ހޯދަމުން ދަނީ އޭދަފުށީ މީހެއް


ލޯންޗަކާއި ޑިންގީއެއްޖެހި މިރޭ ހިނގި އެކްސިޑެންޓްގައި ގެއްލިގެން ހޯދަމުން ދަނީ، އޭދަފުއްޓަށް ނިސްބަތްވާ މީހެއް ކަމުގައި ދަރަވަންދޫ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ބ އޭދަފުށީ މުޝްތަރީގޭ، ނަސްރުއްﷲ އަބުދުﷲ (41އ) ކަމަށެވެ.

ނަސްރުﷲ އާއި އެކު ދެން އެޑިންގީގައި ތިބީ 2 މީހުން ކަމަށާއި އެމީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ އެމީހުންނަށް މިހާރު ދަރަވަންދޫ ސިއްޙީމަރުކަޒުގައި މިހާރު ދަނީ ފަރުވާ ދެމުން ކަމުގައި މާޖިދު ވިދާޅުވިއެވެ.

ޑިންގީގައި ތިބި މީހުންނާއި ހަވާލާދީ މާޖިދު ވިދާޅުވީ، ލޯންޗާއި ޑިންގީ ޖެހި އެކްސިޑެންޓްވީ އެމީހުން މަސްވެރިކަމަށް ނުކުމެފައި އެނބުރި ރަށަށް އައި މަގުމަތީގައި ކަމަށެވެ. އަދި ލޯންޗު ޖެހުނީ ޑިންގީގެ ފަހަތުކޮޅުގައި ކަމަށާއި، ހާދިސާގައި ގެއްލުނު މީހާގެ ޚަބަރެއް އަދި ނުވާކަމަށެވެ.

މާޖިދު ވިދާޅުވީ އެކްސިޑެންޓްވި އޭދަފުށީ ފެރީ ލޯންޗަކީ، ބ ކަމަދޫއިން ފުރައިގެން ދަރަވަންދޫއަށް ދަތުރުކުރި ލޯންޗެއް ކަމަށެވެ.

ލޯންޗާއި ޑިންގީ ޖެހި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭގެ 19:07 ހާއިރުގައެވެ.

ފުލުހުން ވިދާޅުވީ، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ލޯންޗަކާއި އާއްމުންގެ އުޅަނދު ފަހަރު މިހާރު ހަރަކާތްތެރިވަމުން ދާކަމަށެވެ.