ޚަބަރު

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ


ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ފުވައްމުލަކު ދަނޑިމަގު ގޭމިސްކިތާއި ދިމާލަށް ނައިބުތުއްތުމަގުން ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް، ވެއްޓި އެސައިކަލްގަ ތިބި 37 އަހަރުގެ ދިވެހި ފިރިހެނަކަށާއި 19 އަހަރުގެ ދިވެހި އަންހެނަކަށް އަނިޔާ ވެފައިވާ ކަމަށެވެ.

އަދި އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވި ނަމަވެސް ސައިކަލު ދުއްވަން އިން މީހާގެ މޫނުގެ ކަނާތްފަޅި ވަރަށް ބޮޑަށް މަށައިގެންގޮސް އަނިޔާވެފައިވާ ކަމަށާއި ފަހަތުގައި އިން މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެންގޮސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.