ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް އީގަލްސް ދެވަނައަށް!


ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ކްލަބް އީގަލްސް ތާވަލްގެ ދެވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ލީގުގެ ދެވަނަ ބުރުގައި ރޭ އީގަލްސް ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އީގަލްސް ތާވަލްގެ ދެވަނައިގައި އޮތީ 24 ޕޮއިންޓާއެކުއެވެ. ނަމަވެސް މިރޭ މާޒިޔާ އަތުން ޓީސީ މޮޅުވެއްޖެނަމަ ޓީސީ ދެވަނައަށް އަރާނެއެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ 14 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޔޫވީއަށް އީގަލްސްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. އޭގެ ބަދަލު އީގަލްސްއިން ވަނީ މި ހާފުގައި ޔޫވީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން 12 ވަނަ މިނެޓުގައި އީގަލްސްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު ސެންޓޭ ފޮނުވާލި ހަމަލާ ޔޫވީގެ ގޯލްކީޕަރު ތޮލާލް ހަސަން ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން 32 ވަނަ މިނެޓުގައި ޢަލީ ފާސިރު ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި މެޗުގައި އީގަލްސްއިން ލީޑު ނެގީ 71 ވަނަ މިނެޓުގައެވެ. އީގަލްސްގެ އިބްރާހީމް އިމްރާން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތުމުން ހަސަން ރާއިފް އަހުމަދު (ހަންނަ) ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ ފަހުންވެސް މި މެޗުގައި ލީޑު ފުޅާކުރުމަށް އީގަލްސްއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިއަދުވެސް ދެ މެޗެއް ކުޅޭނެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ށ.ފޯކާއިދޫއެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.