ތިލަފުށީގެ މައިމަގުތަށް ހެދުމަށް ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑާއެކު އެއްބަސްވެއްޖެއެވެ.
ތިލަފުށީގެ މައިމަގުތަކަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފައި މިވަނީ އަންނަ އަހަރު ނިމުމުގެ ކުރިން މިމަސައްކަތް ނިންމާގޮތަށެވެ. ތިލަފުށީގެ މަގުތައް ހެދުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށްވި އެއްބަސްވުމުގައި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރެވެ.
އަދި ރޯޑް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވީ މިމަސައްކަތަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށެވެެ.
"ވާރޭވެހޭއިރަށް ކަކުލާހަމައަށް ފެން ބޮޑުވޭ މަގުތައް ކިތައްމެ ގިނައިން އެއްވަރުކޮށް ހެދިޔަސް ވާރޭ ވެހުމުން އެކަމުގެ މާބޮޑު ބޭނުމެއް ނުފެނޭ. ތިލަފުށީގެ ބިން ސްޓޭބަލް އެއް ނޫން ކުނި އާޅައިގެން ހިއްކާފައި އޮތުމުން. އެހެންނަމަވެސް މަގުތައް ހަލާކުވެފައި އޮތުމުން އެތަނުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ބޮޑެތި ވެހިކަލްތައް ދަނީ ހަލާކުވެ ބޮޑެތި ގެއްލުންތައް ލިބެމުން." އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވިއެވެ.
ރާއްޖޭގެ އެހެންރަށްރަށުގެ މަގުތަކާއި ތިލަފުށީގެ މަގުތަކާއި ވަރަށްބޮޑަށް ތަފާތުކަން ފާހަގަކުރައްވާ އިބްރާހީމް ރަޝީދު އަބޫބަކުރު ވިދަޅުވީ މިމަސައްކަތްކުރުމަށް ބޮޑެތި ސަރވޭތަކާއި ދިރާސާތައް ހަދަމުންދާކަމަށެވެ. އަދި މިކަންކަން ނިންމާ އަންނަ އޭޕްރީމަހު މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށް އޭނާ ވިދަޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓުގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު ވިދާޅުވީ މިއީ އެކުންފުނީގެ ފުރަތަމަ ޕްރޮޖެކްޓު ނަމަވެސް ޕްރޮޖެކްޓް ނިންމަން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފެންވަރު ރަނގަޅުކޮށް ތިލަފުށީގެ މަގުތައް ހަދާ ނިންމާނެކަމަށެވެ.
" މަގުތައް ހެދުމަށް ޚާއްސަ ކަންކަމަށް ބަލަންޖެހޭ. އެންމެ ފުރަތަމަ އަޅުގަނޑުމެން ހެދުމަށް ކަނޑައަޅާފައިމިވަނީ ތިލަފުށީ ބަނދަރުން ފެށިގެން ރޯޑް ޑިވެލޮޕްމަންޓުގެ ސައިޓު ހުންނަ ހިސާބަށް ހުރި މަގުތައް. އެމަގުތައް ހެދުމަށްފަހު ދިމާވާ ގޮންޖެހުންތައް ދެނެގަނެ ދެން ހުރި މަގުތައް ހެދުމުގެ މަސައްކަތް ފަށާނީ." މޫސާ އަލި މަނިކު ވިދާޅުވިއެވެ.
1990ގެ އަހަރުތަކުގައި މާލެއިން ކުނި އުފުލައިގެން ހިއްކި ތިލަފުށީގައި މަގު ހެދުމަށް ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް އެމަސައްކަތް ނިންމާލާއިރު ތިލަފުށީގެ ފެނާ ނަރުދަމާ ނިޒާމުގެ މައްސަލަވެސް ޙަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މަޢުލޫމާތުދެއްވައެވެ. އެގޮތުން އެމްޑަބްލިއުއެސްސީއާއެކު އެމަޝްވަރާތައްކޮށް މިހާރު ބައެއް ސަރވޭތައްވެސް ހަދާފައިވާކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެެ.