ޚަބަރު

ވިއްސާރައިގައި ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް މިދަނީ ކުރަމުން: ހިތާދޫ ކައުންސިލް


ރާއްޖެއަށް މިހާރު ކުރަމުންމިދާ މޫސުމީ ވިއްސާރައިގެ ސަބަބުން ބ.ހިތާދޫގެ ބައެއް ގެތަކަށް ފެންވަދެ ގެއްލުން ތަކެއްލިބުމާއި ގުޅިގެން ލިބުނު ގެއްލުން ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމުގައި ހިތާދޫ ކައުންސިލުން ބުނެފިއެވެ.

އެރަށު ކައުންސިލް މެންބަރު އަންވަރު މުޙައްމަދު ބުނީ ލިބުނު ގެއްލުންތައް ދެނެގަނެ ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއި ޙިއްސާކުރާނެކަމަށެވެ.

އަދި ފެންބޮޑުވުމުގެ ސަބަބުން ޖަންކްޝަންތަކުން ކޮންމެވެސް ވަރަކަށް ނަޖިސް ލީކުވެފައި ވާތީ އެކަމުން ދިމާވެދާނެ ބަލިމަޑު ކަމަކުން ރައްކާތެރިވުމަށް ކުރާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ސިއްޙީ މަރުކަޒާއި މަޝްވަރާކުރާނެކަމަށް ކައުންސިލުން ބުނެއެވެ.

މިދިޔަ ބުރާސްފަތު ދުވަހު ހިތާދޫއަށް ކުރި ވިއްސާރައިގައި އެރަށުގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެ ބައެއްގެތަކަށް ވަނީ ފެންވަދެފައެވެ.

އެރަށުގެ ބައެއްގެތަކުގެ ކޮޓަރިތަކަށް ފެންވަދެ ކޮޓަރީގައި ހިފާގެންގުޅޭ ސާމާނަށާ، އެނދާ އަލަމާރިތައް ވަނީ ވަރަށްބޮޑަށް ފެނުގެ އަސަރުކޮށްފައެވެ. އަދި ބައެއް ކަރަންޓް ސާމާނުވެސް ވަނީ މިގެތަކުން ހަލާކުވެފައެވެ.

ބ. އަތޮޅަށް ކުރި މޫސުމީ ވިއްސާރައިގެ ސަބަބުން އެއަތޮޅު ގޮއިދޫ އާއި ކެންދޫ އަދި އޭދަފުށީގަވެސް ވަނީ ފެންބޮޑުވެފައެވެ.