ޚަބަރު

މައްކާގައި ހުރި ބަލި މީހަކު މާލެ ގެންނަން އެމްބަސީން އެހީތެރިވެދެނީ: ޝާހިދު


އުމުރާގެ އަޅުކަމަށް މައްކާއަށް ގޮސް އުޅެނިކޮށް އަނިޔާވި ތ. ގުރައިދޫ، ކީރަންމާގެ ޢުމުރުން 79 އަހަރުގެ ޙައްވާ ޢަލީ ރާއްޖެ ގެނައުމުގެ އިންތިޒާމްތައް ހަމަ ޖައްސާދިނުމަށް ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީން މަސައްކަތް ކުރަމުން ގެންދާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވަނީ އެ އާއިލާގެ މެމްބަރުންނާއި ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބައްދަލުކޮށް އެކަންކަން އޮޅުންފިލުވާފައިވާ ކަމަށެވެ.


ޔަލަމްލަމް ގުރޫޕުން އުމުރާއަށް ގޮސް އުޅެނިކޮށް ހައްވާ އަލީ އަށް އަނިޔާ ލިބިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ މަދީނާއިން އައިސް ދެވަނަ ޢުމްރާގެ ޞަޢުޔު ފުރިހަމަކޮށް ނިންމުމަށްފަހު ހޮޓަލަށް ހިނގައިގަތްތަނާ ސޮފާ މަރުވާ ތެރެއަށް ވެއްޓިފައި ކަމަށް އެ ގޫރުޕުން ވަނީ ބުނެފައެވެ. ޙައްވާ އަލީގެ ކަނާތު ފައިގެ އުކުޅުވަޅު ކަށިގަނޑުގައި ރެނދެއް ލާފައިވާތީ ކުރަން ޖެހޭ އޮޕަރޭޝަން ކުރަން އާއިލާއިން ބޭނުންވަނީ މާލެ ގެނައުމަށް ކަމަށްވެސް އެ ގުރޫޕުން މައުލޫމާތު ދީފައިވެއެވެ.

ބަލި މީހާގެ ޙާލަތު ހުރިގޮތުން މާލެ ގެނެވޭނީ ސްޓްރެޗަރގައި ކަމަށާއި ސަޢުދީ އެއަރލައިނުން އަދި ޖާގައެއް ނުލިބޭ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ނަމަވެސް އެމިރެޓްސް އެއަރލައިނުން މި މަހުގެ 26 ވަނަ ދުވަހަށް ޖާގަ ލިބޭ ކަމަށާއި ސެޓްރެޗަރއެއްގައި ގެންދާތީ 12 ޝީޓް ބަލި މީހާއަށް ނަގާ ކަމަށާއި އެއީ ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ކަމަށް ޢާއިލާއިން ބުނެއެވެ.

ހައްވާ އަލީ ސްޓްރެޗަރގައި މާލެ ގެނައުމަށް އިތުރު ޝީޓްތަކަށް ނަގާ ފައިސާ ދެއްކުމުގެ މާލީ ތަނަވަސްކަން ނެތުމުގެ ކަންބޮޑުވުން އާއިލާން ގެންދަނީ ފާޅުކުރަމުންނެވެ. އާއިލާއިން ވަނީ އެންސްޕާއަށް ވެސް އެހީއަށް އެދި ހުށައަޅާފައެވެ. ނަމަވެސް އަދި އެ އިދާރާއިންވެސް އެހީ ހަމަޖެހުނުކަން އަންގާފައެއްނުވެއެވެ.

ހައްވާ އަލީ މާލެ ގެނައުމަށް ގުރޫޕުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 25 ވަނަ ދުވަހު
ސައުދީ އެއާރލައިނުން މާލެ ގެނައުމަށް ގުރޫޕުން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ގުރޫޕްގެ އިންތިޒާމްތައްވެސް ރަނގަޅުކަން އާއިލާއިން ފާހަގަކުރެއެވެ.

ހައްވާ އަލީގެ އަންހެން ފަސް ދަރިން ވެސް ތިބީ އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ގޮހެވެ.