ޚަބަރު

ޑިންގީ އާއި އޭގައި ތިބި ކުދިން ފެނިއްޖެ ކަމުގައި އެމްއެންޑީއެފުން ބުނެފި


ގެއްލިގެން ހޯދަމުންދާ ތިން ކުދިނާއި އަދި އެކުދިންގެ ބައްޕަ އާއި އެމީހުން ދަތުރުކުރި ޑިންގީ ފެނިއްޖެ ކަމުގައި އެމްޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ޑިންގީ ފެނިފައިވަނީ މިރޭ 8 ޖަހާކަންހާއިރުކަމަށެވެ.

ޑިންގީ ފެނިފައިވަނީ ފ.ހިމިތި ގެ ހުޅަނގުން 7 ނޯޓިކަލްމޭލު ބޭރުގައި ވަނިކޮށެވެ. ޑިންގީ ފެނުނީ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދިޔަ މަހިބަދޫ ސީއެނބިއުލަންސަކަށެވެ. ޑިންގީ ފެނިފައިވާއިރު އޭގައިތިބި އެންމެންގެ ހާލުވެސް ރަނގަޅުކަކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

ޑިންގީ ގެއްލިފައިވަނީ މިސްރާބު އޮޅި ނުބައި ދިމާލަކަށް ދަތުރު ކުރެވުމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

މިހާރު އެމްއެންޑީއެފް ކޯސްޓްގާޑްގެ އެހީތެރިކަމާއިއެކު ޑިންގީއާއި އޭގައިތިބި މީހުން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުންގޯސް ކަނޑު ގަދަ ދުވަސްވަރަކަށް ވުމުން ހުރިހާ ފަރާތްތަކުންވެސް ޚާއްސަ ސަމާޅުކަމެއް ދިނުމަށް މި ޕްރެސްގައި ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުންގޯސްކަން އެގިތިބެ ކުޑަކުޑަ ޑިންގީތަކުގައާއި އެނޫން އުޅަދުތަކުގައިވެސް ދަތުރަށް ނިކުތުމުގެ ކުރިން ހުރިހާ ފަރާތްތަކުންވެސް އަމިއްލަސަލާމަތާއި ރައްކާތެރިކަމަށް ފުރުތަމަ އިސްކަންދިނުމަށްވެސް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މާމިގިލިން ފީއައްޔަށް ދަތުރުކުރި 20 ފޫޓުގެ ޑިންގީގައިތިބީ ފިރިހެނަކާއި 3 ކުޑަ ކުދިންނެވެ. އެއީ ބައްޕަ އަކާއި އޭނާގެ ތިން ދަރީންނެވެ.

އެޑިންގީގައި ތިބީ 13 އަހަރާއި، 11 އަހަރާއި 9 އަހަރުގެ ކުޑަ ތިންކުދިން ކަމުގައި ފުލުހުންނާއި އެމްއެންޑިއެފުން ވިދާޅުވެއެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއްކަމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް ކަމާއިބެހޭ ހުރިހާ ފަރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.