ކުޅިވަރު

ޓީސީއާއި ހަވާލުވީ ރަނގަޅު ޓީމެއް ބިނާކުރުމުގެ އުއްމީދުގައި: ޝާޒްލީ


ޓީސީ ސްޕޯޓްސް ކްލަބާއި ހަވާލުވީ ރަނގަޅު ޓީމެއް ބީނާ ކުރުމުގެ އުއްމީދުގައި ކަމަށް ދާދި ފަހުން ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމާއި ހަވާލުވި މުހައްމަދު ޝާޒްލީ ބުނެފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓީސީގެ ކޯޗު ކަމުން މުހައްމަދު އާތިފް (އާތި) އިސްތިޢުފާދިން ފަހުން ޓީސީގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުން ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުގައި ނިލަންދޫގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ވަނީ ކުރި ހޯދާފައެވެ.

ލީގުގައި ހުކުރު ދުވަހު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝާޒްލީ ބުނީ، ޓީސީއާއި ހަވާލުވި އެންމެ ބޮޑު އެއް ސަބަބަކީ، ޓީސީގައި ރަނގަޅު ކުރިމަގެއް ފެންނަން އޮތުން ކަމަށާއި، އަދި ޓީސީގައި ހުރެގެން ރަނގަޅު ޓީމެއް ބިނާ ކުރެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ފެންވަރުގެ ކޯޗިން ސަނަދު ކަމަށްވާ ޕްރޯ ޑިޕްލޮމާ ކޯޗިން ސެޓްފިކެޓް ހާސިލްކޮށްފައިވާ ޝާޒްލީ ބުނީ، މިހާރު ޓީސީގެ އެންމެ ބޮޑު ޓާގެޓަކީ އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕަށް ރަނގަޅަށް ތައްޔާރުވުން ކަމަށާއި، ޓީމުގެ މެނޭޖްމަންޓާއި ގުޅިގެން އެކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ޝާޒްލީ ބުނީ، ކުޅުންތެރިންނަށް ދޭން ޖެހޭ އެއްޗެއް ނުދީ ޕްރެކްޓިސްކޮށް ކުރިޔަށްދާން ޓީސީގެ މެނޭމަންޓުން ބޭނުންނުވާކަމަށާއި، ކުޅުންތެރިން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށްފަހު ކުރިޔަށްދިޔުމަކީ ޓީސީގެ އަމާޒުކަމަށެވެ.

ލީގުގައި އެންމެ ފަހުން ނިލަންދޫ އަތުން މޮޅުވި މެޗަށް އަލިއަޅުވާލާއި ވާހަކަ ދައްކަމުން ޝާޒްލީ ބުނީ، ލީގުގައި ކުރިޔަަށްދާން ބަލާއިރު ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރެވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، އެ ކާމިޔާބަކީ ކުޅުންތެރިންނަށްވެސް ލިބުނު ހިތްވަރެއް ކަަމަށެވެ. މީގެ އިތުރުން ޝާޒްލީ ބުނީ، ރާއްޖޭގެ ފުޓްބޯޅައިގެ ޙާލަތު މިހާރު މިއޮތީ އެހެންޔާ ނުދާހާ ދަށަށް ގޮސްފައިކަމަށާއި، މި އަޑިގަނޑުން ސަލާމަތްވާން ކޮންމެ ކްލަބަކުންވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ.

"ޓީސީގެ މެނޭޖްމަންޓާއި ވަރަށް ގިނަ ދުހު ވާހަކަ ދައްކާފަ ދެން ކުރިޔަށް ދެވޭނެ ގޮތަކަށް ވިސްނީއިރު ހަމަ ކުރިމަގެއް ފެންނަން އެބައޮތް ޓީސީގައި. އެއީ ހަމަ ޓީސީއާއި ހަވާލުވުމުގެ އެންމެ ބޮޑު ސަބަބަކީ. ދެން ހަމަ އެއާއެއްކޮށް ޓީސީއަށް އެބައޮތް އޭއެފްސީ ކަޕުވެސް. އެހެންވީމަ އޭއެފްސީ ކަޕަށް ތައްޔާރުވާން މި ހުރިހާ ކަމަކާއި ގުޅިގެން ހަމަ ވަރަށް ރަނގަޅު ޓީމެއް ބިނާ ކުރެވޭނެކަމުގެ އުއްމީދުގައި ހަމަ ހަވާލުވީ. މިފަހަރު މިއޮތީ ވަރަށް ބޮޑަށް ރާއްޖޭގެ ބޯޅައިގެ ކަންކަން އެހެންޔާ ނުދާ ހިސާބަކަށް ކަންތައްތަކެއް ގޮސްފައި. ދެން އޭގެން އަރައިގަންނަން ކުރަން ހުރި މަސައްކަތް ކުރުން އޮންނާނީ ކޮންމެ ކްލަބަކަށްވެސް." ޝާޒްލީ ބުންޏެވެ.

ލީގުގައި ހުކުރު ދުވަހު ހަވީރު ޓީސީ ދަ ގްރާންޑޭއާއި ދެކޮޅަށް ނުކުންނައިރު އެޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ހޯދި 19 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ. ޓީސީއަށްވުރެއް ދެ މެޗު އިތުރަށް ކުޅެގެން ލިބުނު 18 ޕޮއިންޓާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އޮތީ ތާވަލްގެ 5 ވަނައިގައެވެ.