ޚަބަރު

މާޗުމަހުން ފެށިގެން ރާއްޖެއިން ޖަރމަން ޝެންގެން ވިސާ ދޫކުރުމުގެ ޚިދުމަތް ފަށަނީ


އަންނަ އަހަރުގެ މާޗު މަހުން ފެށިގެން ދިވެހިރާއްޖެއިން ޖަރުމަންވިލާތުގެ ޝެންގެން ވިސާ ނެގޭނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިކަން އިއުލާންކުރެއްވީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި، ޖަރުމަންވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއިއެކު ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައެވެ.

ފޮރިން މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖެއިން ޖަރުމަންވިލާތުގެ ޝެންގެން ވިސާ ދޫކުރަން ފެށުމުން ޖަރުމަންވިލާތުގެ ބަރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި ބައިވެރިވާ ފަރާތްތަކަށް ލުއިތަކެއް ލިބޭނެކަން ފާހަގަކުރެއްވިއެވެ. އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 3 ވަނަ ދުވަހުން 5 ވަނަ ދުވަހުގެ ނިޔަލަށް ޝެންގެން ވިސާ ދޫކުރުމަށް ވަގުތީ ސެންޓަރެއް ހިންގުމަށް ހަމަޖެހިފައިވާކަންވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި، ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިން ވިސާ ނަގަން މިހާރު ދާން ޖެހެނީ އިންޑިއާގެ ދިއްލީއަށް ނުވަތަ ސްރީލަންކާގެ ކޮޅުނބަށްކަމަށާއި، އެކަމަކީ ބުރަ އަދި އުނދަގޫ ކަމެއްކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިމައްސަލައަށް ހައްލެއްހޯދުމަށް ޖަރުމަންވިލާތާއި، ޔޫރަޕިއަން ޔޫނިއަންގެ އިތުރު ޤައުމުތަކާއި، ވިސާގެ ޚިދުމަތް ފޯރުކޮށްދޭ ވީ.އެފް.އެސް ގްލޯބަލްއާއިއެކު މަޝްވަރާކުރަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަތަމަ ޖަރުމަންވިލާތުން އެކަނި މި ޚިދުމަތް ދިން ނަމަވެސް އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ މަގުފަހިކޮށްދޭނެކަމަށް،" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޝާޙިދުގެ ވާހަކަފުޅުގައި މިއަހަރުވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ވިސާ ވެއިވަރ އެގްރިމެންޓްތައް ހެދި، އިންޑިއާ އަދި ސްރީލަންކާއިން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ހޯދިފައިވާކަން ފާހަގަކުރެއްވިއެވެ.

ޔޫރަޕްގެ ޤައުމުތަކަށް ދިވެހިން ދަތުރުކުރުމުގައި ލުއި ފަސޭޙަ ގޮތްތަކެއް ހޯދަން ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މިހާރުވެސް ދުނިޔޭގެ 84 ޤައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭކަމަށެވެ.