ޚަބަރު

ތިން ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި


ތިން ޤައުމެއްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ، ބަލްގޭރިއާ، އަޔަލެންޑް އަދި ޑެންމާކުގެ ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތައް ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ބަލްގޭރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާސަފީރު އެލިއެނޮރާ ޑިމިޓްރީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު، ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫ އިޤްތިޞާދާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. ދިވެހިރާއްޖެ އާއި ބަލްގޭރިއާ އާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައިގެ ރޮނގުން އެޤައުމުގެ އެއްބާރުލުން ރާއްޖެއަށް ލިބުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ޑެންމާކް ސަފީރު ފްރެޑީ ސްވޭން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަޔަލެންޑުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ބްރެންޑަން ވަރޑްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި އަޔަލެންޑާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވިފައިވާތާ 20 އަހަރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި އަޔަލެންޑަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެއްކަން ފާހަގަކުރައްވައި، އެޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތްތާނގައިވެސް އިތުރުވަމުންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލުކުރެވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދު އަދި ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާމެދު މަޝްވަރާކުރައްވާފައެވެ.