ކުޅިވަރު

ރާއްޖެ ނާދެވިފައިހުރި ޓީމްތައް ރާއްޖެ އައުމުގެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސަވައިދެއްވައިފި


ސައުތް އޭޝިއަން ގޭމްސް ނިންމާލުމަށްފަހު ރާއްޖެ އަންނަން އޮތް ފްލައިޓް ކެންސަލްވެ ދިއްލީ އެއަރޕޯޓުގައި ނުފުރިތިބި ހުރިހާ އެތްލީޓުން ފުރުމުގެ އިންތިޒާމްތައް ދިވެހި ސަރުކާރުން ހަމަޖައްސަވައިދެއްވައިފިއެވެ.

ޤައުމީ ބާސްކެޓްބޯޅަ ޓީމާއި ހޭންޑް ބޯޅަ ޓީމްގެ ދިއްލީ އެއަރޕޯޓުގައި މަޑުކުރަން ޖެހުނީ ދިވެހިރާއްޖެ އަންނަން އޮތް ސްރީލަންކަން އެއަރލައިންގެ ފްލައިޓް ކެންސަލްވުމުންނެވެ. ސަރުކާރުގެ އެހީތެރިކަމާއިއެކު ދިއްލީގައި ހުންނަ ދިވެހި އެމްބަސީންވަނީ މިހާރު އެތްލީޓުން މާލެ ގެނައުމުގެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާފައެވެ.

މިގޮތުން އެއަރޕޯޓުގައި މަޑުނުކޮށް ހޮޓެލްގައި ތިބުމުގެ އިންތިޒާމްތަކާއި، ކެއިން ބުއިމުގެ އިންތިޒާމްވެސް މިހާރުވަނީ ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން ސްރީލަންކަން އެއަރލައިންސްއާއިއެކު މަޝްވަރާކުރުމަށްފަހު މިއަދު ހަވީރު 5.30ގައި ފުރުމުގެ އިންތިޒާމްވެސް މިހާރުވަނީ ހަމަޖައްސާފައެވެ.

13ވަނަ ސައުތް އޭޝިއަން ގޭމްސް ނިންމާލުމަށްފަހު ދިވެހިރާއްޖެ އަންނަން އެއަރޕޯޓުގައި ތިބީ ބާސްކެޓްބޯޅަ އަންހެން އަދި ފިރިހެން ޓީމާއި، ހޭންޑްބޯޅަ އަންހެން އަދި ފިރިހެން ޓީމެވެ. މީގެ އިތުރުން މި މުބާރާތް ކަވަރުކުރުމަށް ނެޕާލަށްދިޔަ މީޑިޔާ ޓީމްވެސް ތިބީ މި ޓީމްތަކާއިއެކުގައެވެ.

މި ޓީމްތަކުގެ ތެރެއިން އަންހެން ބާސްކެޓްބޯޅަ ޓީމުންވަނީ މިފަހަރުގެ ގޭމްސްގައި ލޯ މެޑަލް ހޯދާފައެވެ. 13ވަނަ ސައުތް އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއިންވަނީ 5 މެޑަލް ހޯދާފައެވެ.