ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރާ އަދަދު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޓީ ކައުންސިލްތަކަށް ޖުމްލަ 39 ކައުންސިލަރުން އިންތިޚާބު ކުރުމަށް ނިންމާފައެވެ. އަދި އަތޮޅު ކައުންސިލްތަކަށް ރަށު ކައުންސިލްތަކުގެ ރައީސުން ހިމެނޭހެން ޖުމްލަ 923 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ. އަދި އަތޮޅު ކައުންސިލްތަކަށް 18 ކައުންސިލަރުން އިންތިޚާބުކުރާއިރު ރަށު ކައުންސިލްތަކުގެ ރައީސުން ހިމެނޭހެން އަތޮޅު ކައުންސިލަރުންގެ ގޮތުގައި 197 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ރަށު ކައުންސިލްތަކަށް އަންހެން ކައުންސިލަރުންގެ ގޮތުގައި 372 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. މީގެ އިތުރުން އަންހެން އަދި ފިރިހެން ކައުންސިލަރުން ހިމެނޭހެން 372 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްގެ ރައީސުންގެ ގޮތުގައި 179 ކައުންސިލަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު، އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.
ސިޓީ ކައުންސިލްތަކަށް 24 ކައުންސިލަރަކު އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 12 އަންހެން ކައުންސިލަރުންނާއި 12 ފިރިހެން ކައުންސިލަރުންނެވެ. އަދި 3 ސިޓީ ކައުންސިލަކަށް މޭޔަރުން އިންތިޚާބު ކުރާނެއެވެ.
އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 929 މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރަށްތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުކުރާ 895 މެންބަރުންނާއި ސިޓީތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުކުރާ 34 މެންބަރުންނެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޅާބު ބޭއްވުމަށް ނިންމާފައި ވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 04 ވަނަ ދުވަހުގައެވެ.