ޚަބަރު

އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރަންޖެހޭ - ރައީސް


އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި އެމަސައްކަތް ކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ އިންސާނީ ޙައްޤުތަކަކީ ޤާނޫނެއްގައި ލިޔެގެން، ނުވަތަ ހަމައެކަނި ސިޔާސަތުތަކެއް ކަނޑައަޅައިގެން، ރައްކާތެރިކޮށް ދެމެހެއްޓޭނެ ޙައްޤުތަކެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިންސާނީ ޙައްޤުތަކަކީ ހަމައެކަނި، ދައުލަތުގެ މުއައްސަސާތަކާއި، ޝަރުޢީ ކޯޓުތަކާއި، ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކުން ރައްކާތެރި ކުރެވޭނެ ޙައްޤުތަކެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި އެންމެ މުހިންމީ ރައްޔިތުންގެ ފަރުދީ ޒިންމާކަމަށާއި ވަކިން ޚާއްޞަކޮށް ޒުވާނުން އަދާކުރަންޖެހޭ ދައުރު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރުވެސް، ޒުވާނުންނަށް އަމާޒުކޮށްފައި އޮތުމުން، މިކަމުގައި ޒުވާނުންގެ ޒިންމާ ވަރަށް ބޮޑުކަން ޤަބޫލުކުރަންޖެހޭ. އިންސާނީ ޙައްޤުތައް ޙިމާޔަތްކުރެވޭނީ، އިންސާނީ ކަރާމާތްތެރިކަމުގެ އަގު ވަޒަންކުރުމުގެ ސިފަ ޒުވާނުން ކިބައިގައި އަށަގަނެގެން. އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ޒުވާނުން އިސްނަގައި މަސައްކަތް ކޮށްގެން. ހަމައެފަދައިން ޒުވާނުންނަށްޓަކައި ފުރިހަމަކޮށްދޭންޖެހޭ ވަރަށް ގިނަ ޙައްޤުތަކެއް މިހާރުވެސް އެބަހުރި. މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖުތަމަޢުން ހަވާސާވެފައި ތިބި ޒުވާނުންތަކެއް ފެންނަމުން އެދަނީ، އެ ޒުވާނުން ސަލާމަތްކޮށް، މުޖްތަމަޢަށް އަނބުރާ ގެނައުމުގައި މުޅި ދައުލަތް އިހުމާލުވެފައިވާތީ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ޚާއްސަ ކޮމިޝަނެއް އުފެއްދެވީ ވަރަށް މުހިއްމު ބޭނުމެއްގައިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މިދިޔަ އަހަރުތަކުގައި އެކޮމިޝަނުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ތަފާތު އެތައް ސަބަބުތަކަކާހުރެ، އެ ކޮމިޝަންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށްފައިވެޔެކޭ ދެންނެވޭކަށް ނެތް. އެއީ ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒާއި ނުރަނގަޅު ބާރު އެ ކޮމިޝަނުގެ މައްޗަށް އޮތް އޮތުން ކަމަށްވުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، މިއަދު ކޮމިޝަނުގެ ހުރިހާ މެންބަރުންނަށާއި، ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ، މި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުންދީ، އެހީތެރިވެ، މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ދޭނެ ވާހަކަ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއް ނެތި ޤާނޫނުން ކަށަވަރުކޮށްދޭ ހައްޤުތައް ރައްކާތެރިކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެކަމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙުކޮށް، ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަންކަމުގެ ނަތީޖާ ފެންނަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.