ވިޔަފާރި

ބީއެމްއެލްއިން އާކްއަށް 60000 ރުފިޔާ ހަދިޔާކޮށްފި


ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން، އާކްއަށް ބީއެމްއެލްގެ މުވައްޒަފުންނާއި ބޭންކުގެ ނަމުގައި ފަސް ދޮޅަސް ހާސް ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.

ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އާކް އަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރއެވެ.

އާކްއިން ބުނާގޮތުން އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާއިން ކުރިޔަށްގެންދާ ޕްރޮގްރާމްތައް ރާވާ ހިންގުމަށެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ މުހިއްމު މަސައްކަތްތައް ކުރާ ޖަމުޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބެންކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

"މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުމުމަށާއި ކުޑަކުދިންގެ ކުރިއެރުމަށް އާކް އިން ހިންގާ ހަރަކާތްތައް ހިންގުމަށް ދެވޭ އެހީތެރިކަމެއް. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ" ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

މި އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން އާ ގުޅިގެން ހަނގާކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރިޔަށްގެންދާ "ބީޓް ބުލީންގ" ޕްރޮގްރާމަށް ފަންޑްރައިޒް ކޮށްފައެވެ. މިގޮތުން ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް، ޓީއެފްޖީ ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން"ގެ ދުވުންތެރިން ވަނީ ލައްކައަކަށްވުރެ ގިނަ ރުފިޔާ އެ ކެމްޕޭނަށް ހަދިޔާކޮށްފައެވެ.

އާކް އަކީ ފާއިތުވެދިޔަ 10 އަހަރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމުޢިއްޔާއެއްކަމަށެވެ.