ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ވަރުގަދަ އިންޑިއާ އަތުން ރާއްޖެއަށް ނާކާމިޔާބު


ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓްގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއި އިންޑިއާ ބައްދަލުކުރި މެޗުން ބޮޑު ތަފާތަކުން ރާއްޖެ ބަލިވެއްޖެއެވެ.

މި މެޗުގައި އިންޑިއާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 156 ޕޮއިންޓް 33 ޕޮއިންޓުންނެވެ.

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ބާސްކެޓްގެ އިވެންޓްތައް ކުރިޔަށްދާއިރު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މުބާރާތުގެ ގްރޫޕް A ގައި ރާއްޖެއާއެކު ދެން ހިމެނޭ ޤައުމު ތަކަކީ، ސްރީ ލަންކާ އަދި އިންޑިއާއެވެ. ގްރޫޕް ބީގައި ހިމެނޭ ޤައުމު ތަކަކީ މުބާރާތް ބާއްވާ ޤައުމު ނޭޕާލްއާއި ބަންގްލަދޭޝްގެ އިތުރުން ބޫޓާންއެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި އިންޑިއާ މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގައި އިންޑީއާއި ރާއްޖޭގެ މައްޗަށް ކުރި ހޯދީ 31 ޕޮއިންޓް 8 ޕޮއިންޓުންނެވެ. އަދި ޖެހިގެން އައި ދެވަނަ ކުއާޓާ އިންޑިއާއިން ކާމިޔާބުކުރީ 64 ޕޮއިންޓް 19 ޕޮއިންޓުންނެވެ.

ރާއްޖެއަށް ވުރެ އެތައް ގޮތަކުން ވަރުގަދަ އިންޑިއާ އާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި ސްކޯ ކުރުމަށް ޤައުމީ އަންހެން ބާސްކެޓް ޓީމު ވަރަށް މަސައްކަތް ކުރިއެވެ. މި މެޗުގެ ތިންވަނަ ކުއާޓާ އިންޑިއާއިން ގެންދިޔައީ 102 ޕޮއިންޓް 26 ޕޮއިންޓުންނެވެ. އަދި ފަހު ކުއާޓާ އިންޑިއާއިން ކާމިޔާބުކުރީ 156 ޕޮއިންޓް 33 ޕޮއިންޓުންނެވެ.

މި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ ފާތިމަތު ރިޝްމާއެވެ. ރިޝްމާ ވަނީ މި މެޗުގައި ރާއްޖެއަށް 11 ޕޮއިންޓް ހޯދައިދީފައެވެ. އިންޑިއާ ޓީމަށް މި މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ހަރްސިމްރާން ކަވްރ ދަމީއެވެ. އޭނާ ވަނީ މި މެޗުގައި 19 ޕޮއިންޓް އިންޑިއާއަށް ހޯދައިދީފައެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާއި ދެކޮޅަށެވެ. މުބާރާތުގައި އިތުރަށް ކުރިޔަށްދާން މި މެޗު ކާމިޔާބުކުރުން މަޖުބޫރެއެވެ.

މި މެޗު ފަށާނީ އާދީއްތަ ދުވަހު ރާއްޖެ ގަޑިން މެންދުރު 12:15 ގައެވެ.