ޚަބަރު

އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން ސިޑްނީގެ ވައި ތަޣައްޔަރުވެއްޖެ


އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުން އަރާ ދުންތައް އެ ޤައުމުގެ އެންމެ ބޮޑު ސިޓީކަމަށްވާ ސިޑްނީ ވަށާލަފައިވާއިރު މި ޙާލަތު އެތައް ދުވަހަކަށް ދިގުދެމިގެންދާނެކަމަށް ބެލެވެން ފަށައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތައް ނިއްވާލުމުގައި ކަމާބެހޭ ފަރާތްތައް ނުކުޅެދިފައިވާއިރު އަލިފާންގަނޑުތައްވަނީ ކޮންޓްރޯލުން ނައްޓާފައިކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އަލިފާނުގެ ސަބަބުން 4 މީހުން މަރުވެ، 400 ގެ އަނދާ ހުލިވެ، ސިޑްނީފަދަ ސިޓީތަކަށް ވައި ނުސާފުވުމުގެ މައްސަލަވަނީ އިންތިހާއަށް ކުރިމަތިވެފައެވެ.

އޮސްޓްރޭލިއާގެ ހަތަރު ސްޓޭޓެއްކަމަށްވާ ނިއު ސައުތް ވޭލްސް، ވިކްޓޯރިއާ، ސައުތް އޮސްޓްރޭލިއާ އަދި ކުއިީންސްލޭންޑުންވަނީ އެ ސްޓޭޓްތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލެވޭނެ ދުވަހެއް ކަނޑައެޅިގެން ބުނަން ނޭނގޭކަމަށް ބުނެފައެވެ. ނިއު ސައުތް ވޭލްސްއަށް ބަލާއިރު އެ ސްޓޭޓްގެ ޖަންގަލިތަކުގައި އެކަނިވެސް 140 ތަނެއްގައި ވަނީ ރޯވެފައެވެ. މިކަމުގެ ސަބަބުން އެ ސްޓޭޓްގެ ވެރިރަށް ސިޑްނީގެ ޖައްވުވަނީ ދުމުން ތަޣައްޔަރުވެފައެވެ.

މިއީ އޮސްޓްރޭލިއާއަށް ހޫނު މޫސުންކަމަށްވާއިރު ހޫނު މޫސުމުގައި ޖަންގަލިތަކުގައި ރޯވުމުގެ މައްސަލަ އެ ޤައުމަށް ކުރިމަތިވަމުންދާތާ އަހަރުތަކެއްވަނީ ވެފައެވެ. މި އަހަރުގެ ހޫނު މޫސުމުގައި މި މައްސަލަ އާދަޔާ ޚިލާފަށް ބޮޑުވެފައިވަނީ ޖެހެމުންދާ ހޫނުވައިގެ ސަބަބުންކަމަށް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.