ޚަބަރު

ޓްރަމްޕާ ދެކޮޅަށްކުރާ ތުޙުމަތުތަކާ ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓަށް ޓްރަމްޕްގެ ފާޑުކިޔުން!


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަމިއްލަ ބޭނުމަށް މަޤާމުގެ ނުފޫޒު ބޭނުންކުރިކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ކުރާ ތުޙުމަތުތަކާ ގުޅިގެން އެކުލަވާލި ރިޕޯޓަކީ ޖޯކެއްކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ތުޙުމަތުކުރާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މަޤާމުގެ ބޭނުންކޮށްގެން އޭނާއަށް ސިޔާސީ ފައިދާތައް ލިބޭނެފަދަ ޢަމަލުތަކެއް ކުރައްވާފައެވެ. މިގޮތުން 2020ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ޓިކެޓު ހޯއްދެވުމަށް މަސައްކަތްކުރައްވާ އެ ޤައުމުގެ ކުރީގެ ރައީސް ޖޯ ބައިޑަންއާ ދެކޮޅަށް ތަޙްޤީޤެއް ހިންގުމަށް ޔޫކްރެއިނަށް ޓްރަމްޕް ބާރުއަޅުއްވާފައިކަމަށް ޑިމޮކްރެޓިކް ޕާޓީން ތުޙުމަތުކުރެއެވެ.

ބައިޑަންގެ އާޢިލާއިން ޔޫކްރެއިންގައި މަސައްކަތްތަކެއް ކޮށްފައިވާއިރު މިފަދަ ތަޙްޤީޤެއް ނުކޮށްފިނަމަ އެމެރިކާއިން ޔޫކްރެއިނަށް ދޭ އަސްކަރީ އަދި މާލީ އެހީ ހިފަހައްޓާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވިކަމަށްވެސް އިދިކޮޅު ފަރާތްތަކުން ތުޙުމަތުކުރެއެވެ. މި ތުޙުމަތުތަކުގައި އަސާސެއްވާކަމަށް ބަލާ، އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ދަށުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސުން މިހާރު ދަނީ މި ތުޙުމަތުތަކުގެ ސަބަބުން ޓްރަމްޕް މަޤާމުން ދުރުވެވަޑައިގަންނަން ޖެހިވަޑައިގަންނަތޯ ބެލުމަށް އަޑުއެހުންތަކެއް ކުރިޔަށްގެންދަމުންނެވެ.

މިގޮތުން ބުދަ ދުވަހު މިކަމާ ގުޅިގެން ބޭއްވި އަޑުއެހުންތަކުގައި ބަޔާން ދިން އެމެރިކާގެ ދުސްތޫރީ ޤާނޫނުގެ ތަޖުރިބާކާރުން ވިދާޅުވެފައިވަނީ ޓްރަމްޕްވަނީ މަޤާމުން ދުރުވެވަޑައިގަންނަވަން މަޖުބޫރުވެވަޑައިގަންނަވާފަދަ ކުށްތަކެއް ކުރައްވާފައިކަމަށެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އެދިވަޑައިގަތުމުގެ މަތިން މި އަޑުއެހުންތަކުގައި ވާހަކަދެއްކެވި ވަކީލުކަމާބެހޭ ތިން ޕްރޮފެސަރުންވެސް ވިދާޅުވީ ޓްރަމްޕާ ދެކޮޅަށްކުރާ ތުޙުމަތުތަކުގެ ސަބަބުން މަޤާމުގެ ނުފޫޒު ބޭނުންކުރެއްވިކަމާ، ރިޝްވަތު ދެއްވިކަމާ، ޤާނޫނުހަދާ މަޖިލީހަށް ހުރަސްއެޅުއްވިކަމާ އަދި އިންސާފަށް ހުރަސްއެޅުއްވިކަން ހާމަވެގެންދާކަމަށެވެ. އަދި މި ކުށްތަކަކީ އެމެރިކާގެ ރައީސް ކަމުގައި ހުންނަވާ ބޭފުޅެއްގެ ފަރާތުން ފެނިގެން ނުވާނެ ކުށްތަކެއް ކަމަށްވެސް މި ބޭފުޅުން ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާހަކަދެއްކެވި ޝަރުޢީ ތަޖުރިބާކާރަކު ވިދާޅުވީ މި އަޑުއެހުންތަކަކީ އެއްވެސް އަސާސެއްނެތް އަދި އަވަސް އަރުވާލައިގެން ބާއްވަމުންދާ އަޑުއެހުންތަކެއްކަމަށެވެ. އަދި މި އަޑުއެހުންތަކުގައި ކަމާ ގުޅުންނެތް ފަރާތްތަކުން ބަޔާން ދެއްވަމުންދާކަމަށާ މި ޙާދިސާއާ ގުޅުން ހުރި ފަރާތްތަކުގެ ބަހެއް އަދިވެސް ނީވޭކަމަށެވެ.

މި ދަނޑިވަޅުގައި ޓްރަމްޕާ ދެކޮޅަށް ކުރާ ތުޙުމަތުތަކާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީން ނެރުނު ރިޕޯޓަކަށް އެމެރިކާގެ ރައީސްވަނީ ހަރުކަށި ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ މި ރިޕޯޓަކީ ޖޯކެއްކަމަށާ އޭނާ ރަށުގައި ނެތީސް އޭނާއާ ދެކޮޅަށް ބާއްވާ އަޑުއެހުންތަކުގެ ސެޝަނެއް ތާވާލުކޮށްފައިވާކަމަށެވެ. ޓްރަމްޕް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މި ޢަމަލުތަކުގެ ސަބަބުން ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ އެކަތިގަނޑަކަށްވެއްޖެކަމަށާ ޕާޓީ އޮތީ އަދިވެސް އޭނާގެ ފަހަތުގައިކަމަށެވެ.