ޚަބަރު

ނޭޓޯގެ ސަމިޓް ދޫކުރައްވާ ޓްރަމްޕް ކުއްލި ގޮތަކަށް ވަޑައިގެންފި


އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ނޭޓޯގެ ސަމިޓް ރަސްމީކޮށް ނުނިމެނީސް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސަމިޓް ދޫކުރައްވާ ވަޑައިގެންފިއެވެ. މިގޮތުން ޓްރަމްޕްވަނީ ސަމިޓް ނިންމާލުމުގެ ކުރިން ދިނުމަށް ހަމަޖައްސާފައިވާ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރައްވާ ސަމިޓް ނިމުމުގެ ކުރިން ވަޑައިގެންފައެވެ.

ޓްރަމްޕް މިގޮތަށް ކަންތައް ކުރައްވާފައިވަނީ ސަމިޓްގެ ތެރޭގައި ނޭޓޯގެ ބައެއް ލީޑަރުން އެމެރިކާގެ ރައީސަށް މަލާމާތްކުރާކަމަށް ބެލެވޭ ވީޑިއޯއެއް ޢާއްމުވެފައިވާ ދަނޑިވަޅެއްގައެވެ. މި ވީޑިއޯގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ އިތުރުން ފަރަންސޭސިވިލާތުގެ ރައީސް އެމާނުއެލް މެކްރޯން އަދި ނެދަރލޭންޑްގެ ބޮޑުވަޒީރު މާކް ރޫޓްވެސް ފެނިގެންދެއެވެ.

މި ވީޑިއޯއާ ގުޅޭގޮތުން ސުވާލުކުރެއްވުމުން އެމެރިކާގެ ރައީސް ޓްރަމްޕްވަނީ ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯއަށް ހަރުކަށި ފާޑުކިއުންތަކެއް އަމާޒުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ ކެނެޑާގެ ބޮޑުވަޒީރަކީ ދެ ފުށް ދެ ގޮތް ބޭފުޅެއް ކަމަށާ ކެނެޑާއިން ނޭޓޯގެ ދިފާޢީ ކަންކަމަށް ކުރަމުން އަންނަ ޚަރަދުތައް އިތުރުކުރަން ބުނުމުން ޓްރޫޑޯ ހިތްހަމަނުޖެހިފައިވާކަމަށެވެ. އަދި އޭނާ ޓްރަމްޕަށް މަލާމަތްކުރައްވާފައިވާކަމަށް ބެލެވެނީ މިސަބަބަށްޓަކައިކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ކެނެޑާފަދަ މުއްސަނދި ޤައުމަކުން ނޭޓޯގެ ދިފާޢި ކަންކަމަކަށް ކުރަންޖެހޭ ޚަރަދުތައް ފުރިހަމަކުރަންޖެހޭނެކަމަށާ އެމެރިކާއިން މިކަމަށް އަބަދުވެސް ގޮވާލާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ ރައީސްކަމާ ޓްރަމްޕް ހަވާލުވެވަޑައިގެންފަހުން ނޭޓޯގެ ދިފާޢީ ކަންކަމަށް މެމްބަރު ޤައުމުތަކުގެ ޖީ.ޑީ.ޕީގެ ޚަރަދު ކުރަންޖެހޭކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.