ޚަބަރު

އެމްބަސީން ރަހީނުކުރިކަމަށް ތުޙުމަތުކުރާ މުވައްޒަފަށް ޤައުމުން ބޭރަކަށް ނުދެވޭ!


ސްރީ ލަންކާގައި ހުންނަ ސުވިޓްޒަލޭންޑްގެ އެމްބަސީގައި މަސައްކަތް ކުރަމުން ދަނިކޮށް ޖަމާޢަތަކުން ރަހީނުކުރުމަށް ކަމަށް ބުނާ ސްރީ ލަންކާގެ މުވައްޒަފަށް ޤައުމުން ބޭރަށް ފުރައިގެން ދިޔުމުގެ ހުއްދަ ނުދޭނެކަމަށް ސްރީ ލަންކާ ސަރުކާރުން ބުނެފިއެވެ.

ސްރީ ލަންކާގެ ޚާރިޖީ ވަޒީރު ދިނޭޝް ގުނަވަރްދެނާ ވިދާޅުވީ އަންހެން މިވައްޒަފު ރަހީނުކޮށްފައިވަނީ ސުވިޓްޒަލޭންޑްގެ އެމްބަސީއާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށްކަމަށް ބެލެވޭކަމަށާ މި މީހާ ރަހީނުކުރި ޙާދިސާއާ ގުޅޭގޮތުން ފުލުހުންނަށް މަޢުލޫމާތު ދިނުމަށް އެ މީހާ ދެކޮޅުހަދާފައިވާކަމަށެވެ. އެހެން ނަމަވެސް ސުވިޓްޒަލޭންޑްގެ އެމްބަސީން ބުނެފައިވަނީ އެ މުވައްޒަފަށް ސްރީ ލަންކާގެ ފުލުހުންނާ ވާހަކަނުދެއްކެނީ އޭނާގެ ސިއްޙަތު އެކަމަށް ތަންނުދޭތީކަމަށެވެ.

ސްރީ ލަންކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ސިއްޙީ ފަރުވާ ހޯދުމަށް އެ މުވައްޒަފާ އޭނާގެ އާޢިލާއިން ޤައުމުން ބޭރަށް ދިޔުމުގެ ހުއްދަ ހޯދާފައިވާކަމަށާ ސްރީ ލަންކާ ސަރުކާރުން ހުއްދަ ނުދޭނެކަމަށެވެ. ގުނަވަރްދޭނާ ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 25ވަނަ ދުވަހު ހިނގިކަމަށް ބުނާ މި ޙާދިސާއާ ގުޅޭގޮތުން ރަސްމީކޮށް މައްސަލައެއް ހުށަހަޅާފައިނުވާއިރުވެސް ސްރީ ލަންކާގެ ފުލުހުން މި ޙާދިސާ ތަޙްޤީޤުކޮށްފައިވާކަމަށާ މި ތަޙްޤީޤުން މިފަދަ ކަމެއް ހިނގާފައިވާކަން ސާބިތުވާ މާ ބޮޑު ހެއްކެއް ފެނިފައިނުވާކަމަށެވެ.

މި ހަފުތާގެ ހޯމަ ދުވަހު ސުވިޓްޒަލޭންޑްގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ޤައުމުގައި ހުންނަ ސްރީ ލަންކާގެ ސަފީރު ހާޒިރުކުރައްވާ އެކަމާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވާފައެވެ.