ވިޔަފާރި

ކުޑަކުދިންގެ ފުށް ދަޅުގައި ވިހަ މާއްދާއެއް ނެތް - ޖޯންސަން އެންޑް ޖޯންސަން


މަޝްހޫރު ޖޯންސަން އެންޑް ޖޯންސަން ބޭބީ ޕައުޑަރުން އިންސާނުންނަށް ނުރައްކާތެރި އެއްވެސް މާއްދާއެއް ނެތްކަން ޔަޤީންކުރެވިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޖޯންސަން ކުންފުނިން ކުރިއަށްގެންދިޔަ ޓެސްޓުތަކަކަށްފަހު މިކަން ހާމަކޮށްފައި މިވަނީ، އެކުންފުނީގެ ބޭބީ ޕައުޑަރުން އިންސާނުންނަށް ނުރައްކާތެރި މިނަރަލްތަކެއްކަމަށްވާ، އެސްބެސްޓޯސް ފެނިފައިވާކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން މިއަހަރު ކުރީކޮޅު ހާމަކޮށްފައި ވަނިކޮށެވެ. އަދި އެކަމާ ގުޅިގެން މިދިޔަ އޮކްޓޫބަރުމަހު ޖޯންސަންއިން ވަނީ ތިރީސް ހާހަށްވުރެ ގިނަ ބޭބީ ޕައުޑަރު ދަޅުތައް ފިހާރަތަކުން ނަގާފައެވެ.

ޖޯންސަން ކުންފުނިން ބުނީ އެފްޑީއޭގެ ތުހުމަތުތައް ޔަޤީންކުރުމަށް 155 ޓެސްޓެއް ކުރިއަށްގެންދިޔަކަމަށެވެ. އަދި އެޓެސްޓްތައް ކުރިއަށްގެންގޮސްފައިވަނީ އެކުންފުންޏާ ގުޅުމެއް ނެތް ތާޑްޕާޓީ ދެ ލެބޯޓަރީއެއްގައިކަމަށެވެ. އަދި ޓެސްޓްތައް ހެދުމުގައި އެފްޑީއޭއަށް ވިހަ މާއްދާތައް ފެނުނުކަމަށް ބުނާ ފުށް ދަޅުވެސް ބޭނުންކޮށްފައިވާކަމަށް ޖޯންސަންއިން ބުނެއެވެ. ނަމަވެސް އެއްވެސް ޓެސްޓަކުން އިންސާނުންނަށް ގެއްލުން ލިބޭ ފަދަ މާއްދާއެއް ފުށް ދަޅުން ފެނިފައިނުވާކަމަށް ޖޯންސަން ކުންފުނިން ބުނެއެވެ.

ޖޯންސަން ކުންފުނީގެ ބޭބީ ޕައުޑަރުން ވިހަ މާއްދާއެއް ފެނިފައިނުވާކަން އެކުންފުނިން ޔަޤީންކޮށްދިނަސް، އެމެރިކާ އެފްޑީއޭއިން އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.

ޖޯންސަން ކުންފުނީގެ ފުށްދަޅު ޓެސްޓްކުރި ލެބޯޓަރީން ބުނާގޮތުން އެފްޑީއޭގެ ޓެސްޓުތަކުން ވިހަ މާއްދާއެއް ހުރިކަމަށް ދައްކާފައިވަނީ، އެކަމަށްޓަކައި ބޭނުންކުރި ސާމްޕަލްއަށް ކޮންމެވެސް އެއްޗެއް އެޅުމުގެ ސަބަބުން ނުވަތަ ޓެސްޓްތައް ކުރިއަށްގެންދިޔަ ފަރާތުގެ މައްސަލައެއްގެ ސަބަބުންނެވެ.