ޚަބަރު

ރައީސް ޞާލިހު އަދި ބޮޑުވަޒީރު މޯދީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކެއް މިއަދު އިފްތިތާޙުކުރަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކެއް މިއަދު އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިކަމަށެވެ. މިރަސްމިއްޔާތުގައި ތަރައްޤީގެ މުހިއްމު މަސައްކަތްތަކެއް އިފްތިތާޙުކުރެވިގެންދާއިރު، މިރަސްމިއްޔާތުގައި އިންޑިއާގެ ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ނަމަވެސް މިއަދު އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.

އިންޑިއާގެ ބައެއް މީޑިއާތައް ބުނާގޮތުން މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް އިންޓަރސެޕްޓަރ އުޅަނދެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ މާލޭ މަގުތަކުގައި ލެޑް ލައިޓް ހަރުކުރުމުގެ މަޝްރޫޢެއް ފެށުމަށް ހަމަޖެހިފައިވާއިރު، މިރަސްމިއްޔާތުގެ ތެރެއިން އިންޑިއާގެ ރުޕޭ ކާޑު ރާއްޖެ ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެފައި އޮތުމަށްފަހު ރައީސް ޞާލިހުގެ ވެރިކަމުގައި ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތައްވެސް ވަނީ އިތުރުވެފައެވެ.