ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓަކުން ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުން މަޤާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާހު ހުށައެޅުއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުއެވެ. މި ޤާނޫނަށް ހުށައެޅި އިޞްލާހުތަކުގައި ވަނީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޭން ނިންމާފައެވެ. އަދި ކައުންސިލްތަކަށް މާލީ ބާރުވެރިކަންވެސް ދިނުމަށް އިޞްލާހުގައިވެއެވެ.
ރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ ޢާމްދަނީ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި ދައުލަތުގެ ބަޖެޓްގެ ޑޮމެސްޓިކް ބަޖެޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ދިނުމަށްވެސް އިޞްލާހުގައިވެއެވެ.
އެ ބާރުތައް ކައުންސިލްތަކަށް ދިންނަމަވެސް އެ ބާރުތައް ނަހަމަގޮތުގައި ބޭނުންކޮށްފިނަމަ ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށާއި، ރައްޔިތުންގެ މަޖިލީހަށް ދިނުމަށް ޤާނޫނުގައި ހިމެނުމަށް ލާމަރުކަޒީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެގޮތުން ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ކައުންސިލްތައް ނުކުޅެދިއްޖެނަމަ މަޖިލީހުގެ ރުހުމާއެކު އެލްޖީއޭއަށް އެ ކައުންސިލަކާ މެދު ފިޔަވަޅު އެޅޭނެކަމަށް މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުގައިވެއެވެ.
ކޮމިޓިން ގެނެސްފައިވާ އިޞްލާހުތަކުގެތެރޭގައި ކައުންސިލްތަކުގެ މޭޔަރުންނާއި ކައުންސިލްގެ ރައީސުންނާއި މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުން ނަހަމަގޮތުގައި ބޭނުންކޮށްފިނަމަ އެ މޭޔަރެއްގެ ނުވަތަ ކައުންސިލް ރައީސްއެއްގެ އިތުބާރު ނެތްކަމަށް ވޯޓް ނެގުމުގެ ބާރު މަޖިލީހަށް ވަނީ ދީފައެވެ. އެހެންނަމަވެސް މޭޔަރުންނާއި ކައުންސިލް ރައީސުން މަޤާމުން ވަކިކުރަން މަޖިލީހަށް ހުށައެޅޭނީ އެލްޖީއޭގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
މޭޔަރުންނާއި ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައެޅުމުގެ ކުރިން އެފަރާތަކަށް ޖަބާވުދާރީވުމަށްވެސް ފުރުޞަތުދޭންޖެހެއެވެ. އެގޮތުން މޭޔަރުންނާއި ކައުންސިލްގެ ރައީސްގެ މަޤާމު ގެއްލޭފަދަ ކަމެއް ކޮށްފިނަމަ އެ މައްސަލަ ބެލުމަށް ކޮމިޝަނެއް އެކުލަވާލަންވެސް އެލްޖީއޭއަށް ޤާނޫނުން ލާޒިމްކުރެއެވެ.
ލާމަރުކަޒީ ޤާނޫނަށް ހުށައެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި މޭޔަރުންނާއި ކައުސިލްތަކުގެ ރައީސުން ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރަން ވަނީ ހިމަނާފައެވެ.