ޚަބަރު

އަފްޣާނިސްތާނުގައި ހަނގުރާމަކުރަމުންދިޔަ ދިވެއްސަކު 21 އަހަރަށް ޖަލަށްލުމަށް އެޤައުމުުގެ ކޯޓަކުން ހުކުމްކޮށްފި


އަފްޣާނިސްތާނުގެ އައިސިސްކޭ ޖަމާޢާތުގައި ބައިވެރިވެ ހަނގުރާމަކުރަމުންދިޔަ ދިވެއްސަކު 21 އަހަރަށް ޖަލަށްލުމަށް އެޤައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ހ.މޫންލައިޓް ވެލީ، ޢަލީ ޝާފިއު އަފްޣާނިސްތާނަށް އެތެރެވެފައިވަނީ އޭނާގެ އަންހެނުންނާއި 4 ދަރިންނާއެކު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ ޢަލީ ޝާފިޢުއަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ، އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެއްކަމަށެވެ. އަދި 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 09 ވަނަ ދުވަހު ޢަލީ ޝާފިޢު އޭނާގެ ކުރީގެ އަނބިމީހާ އާއި
ދަރިފުޅު ގޮވައިގެން ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީއަށް ދާން ފުރަން އުޅެނިކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުލުހުން އެމީހުން ހިފެހެއްޓި ކަމަށެވެ.

ޢަލީ ޝާފިއުއަކީ ބ.ހިބަޅިދޫ ކައިރީ ކަނޑު އަޑިން ފެނުނު ހަތިޔާރާއި ގޮވާތަކެއްޗާ ގުޅުންހުރި ބައެއް ތަކެތި އޭނާގެ އަތުން ފެނުނު މައްސަލާގައި ދައުވާކޮށްފައިވާ މީހެކެވެ. އެހެން ނަމަވެސް ހެއްކާއި ޤަރީނާ ނެތުމުގެ ސަބަބުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ފުލުހުން ވިދާޅުވީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ޢަލީ ޝާފިޢު އޭނާގެ އަންހެނުންނާއި 4 ދަރިންނާއިއެކު ބޭސްފަރުވާކުރުމަށް ސްރީލަންކާއަށް ގޮސް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނު މަގުން އަފްޣާނިސްތާނަށް އެތެރެވެފައިވާކަމަށެވެ.

ޢަލީ ޝާފިޢު ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކުރިކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމާއި ގުޅިގެން ބޭރުގެ ސަލާމަތީ އަދި ތަންފީޛީ އިދާރާތަކާއި ގުޅިގެން ބެލިބެލުމުން ޢަލީ ޝާފިޢު ޕާކިސްތާނުގައި ޙަރަކާތްތެރިވަމުންދާކަމުގެ މަޢުލޫމާތު ލިބުނުކަމަށާ، އޭގެފަހުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ޢަލީ ޝާފިޢުއާއި އޭނާގެ އަންހެނުންނާއި ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްއިން ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް ލިބުނު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ޢަލީ ޝާފިޢު އަފްޣާނިސްތާނަށް ދަތުރުކޮށްފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ކޮރަސާން ޕްރޮވިންސް" (އައި.ސިސް.ކޭ) އާއި ގުޅުމަށްކަމަށާއި، ޢަލީ ޝާފިޢުގެ އަތުން ނެގުނު ޑިޖިޓަލް ޑިވައިސްއަކުން އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ޕްރޮޕެގެންޑާ ވީޑިއޯތަކެއް ފެނިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ޢަލީ ޝާފިޢުއާއި އޭނާގެ ޢާއިލާ އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު ލިބުމާއިއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަފްޣާނިސްތާނުގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި ގުޅިގެން މިމައްސަލަ ވަރަށް ގާތުން ބަލައި އެ މައްސަލަ ތަޙްޤީޤުކުރުމަށް އަފްޣާނިސްތާނުގެ ކަމާގުޅޭ އިދާރާތަކާއިއެކު ދިވެހި ފުލުހުން ޖޮއިންޓް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.