ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ރަން މެޑަލް ހޯދުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސާއިދުގެ ކާމިޔާބީއަށް ފަޚުރުވެރިވާކަން ފާހަގަކުރައްވައި ކުރިއަށްއޮތްތަނުގައި މިގޮތުގައި ދެމިހުރުމަށް އެދިވަޑައިގެންފައެވެ.
ސައުތު އޭޝިއަން ގޭމްސްގައި100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދާފައިވަނީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފައިނަލް ހީޓުގައި ސާއިދާ ވާދަކޮށް ދެވަނައަށްދިޔަ ލަންކާގެ ހިމާޝާ އީޝާން ރޭސް ނިންމާލީ 10.50 ސިކުންތުންނެވެ.
100 މީޓަރު ދުވުމުގައި އެންމެ ފަހުން ބޭއްވި ގޭމްސްގައި ރިހިމެޑަލް ހޯދި ސާއިދު ފައިނަލަށް ގޮސްފައިވަނީ ހީޓުން ތިންވަނަ ހޯދައިގެންނެވެ.
މި ހީޓުގައި ސާއިދާއި އެންމެ ވާދަކުރި ލަންކާގެ ދުވުންތެރިޔާ ހިމާޝާ އިޝާން ވަނީ މިދިޔަ ފަހަރުގެ ގޭމްސްގައިވެސް ސާއިދާ ވާދަކޮށްފައެވެ. ސާއިދު ރިހިމެޑަލް ހޯދި އިރު އެފަހަރު ހިމާޝާ ރޭސް ނިންމާލީ އެއްވަނާގައެވެ. 2015 ވަނަ އަހަރު އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި މިހީޓްގައި 10.51 ސިކުންތުން ރޭސް ނިންމާލައިގެން ސާއިދު ވަނީ ރަންމެޑަލް ހޯދާފައެވެ. އެއީ ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ އެތުލީޓަކަށް ލިބުނު ފުރަތަމަ ރަންމެޑަލެވެ.