ފިޝަރީޒް މިނިސްޓްރީއަށް އެކި ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ލިބެންޖެހޭއިރު، އެފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
އޮޑިޓަރ ޖެނަރަލްގެ އޮފީހުން މިކަން ހާމަކޮށްފައިވަނީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިދިޔަ އަހަރުގެ ބަޖެޓް ޚަރަދުކުރި ގޮތް ހާމަކޮށް ނެރެފައިވާ އޮޑިޓް ރިޕޯޓްގައެވެ.
ފިޝަރިޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ އެމިނިސްޓްރީއަށް އެކި ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހޭއިރު، އެފައިސާ ހޯދުމަށް ޤާނޫނާއި ޤަވާއިދުތަކުގައި ބުނާގޮތަށް އަމަލުކޮށްފައި ނުވުމެވެ. މިގޮތުން މަސްދޯނި ފަހަރު ބަނުމަށާއި މަސްދޯނި ފަހަރުގައި އިންޖީނު އެޅުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނު ފައިސާ މިނިސްޓްރީއަށް އަނބުރާ ލިބިފައިނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް 35 މަސް ދޯންޏެއްގެ އަގުން ލިބެންޖެހޭ 14.5 މިލިއަން ރުފިޔާއާއި، އިންޖީނު އެޅުމަށް ދޫކުރި ލޯނުތަކުން ލިބެންޖެހޭ 1.8 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބުނެފައިވާ ފަދައިން ފިޝަރީޒް މިނިސްޓްރީން އަމަލުކޮށްފައި ނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އެހެންކަމުން މިފައިސާ ހޯދުމަށް ޝަރީޢަތަށް ފޮނުވަމަށް އޮޑިޓް ރިޕޯޓްގައި ލަފާދެއްވާފައިވެއެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި، ދެ ރަށެއްގައި ފިޝަރީޒް މިނިސްޓްރީން ޤާއިމްކޮށްފައިވާ އައިސް ޕްލާންޓްތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދާފައިނުވާ މައްސަލަ ހިމެނެއެވެ. އެގޮތުން ޅ. ފެލިވަރުގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުގެ ކުލީގެ ގޮތުގައި 14.2 މިލިއަން ރުފިޔާ އާއި އިހަވަންދޫގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުގެ ކުލި ފިޝަރީޒް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. މީގެ ތެރެއިން އިހަވަންދޫގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުގެ ކުއްޔާއި އެތަނުން ފައިދާގެ ގޮތުގައި މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާގެ އަދަދު ލިޔެކިޔުންތަކުން ފެންނަން ނެތްކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި އެތަން ކުއްޔަށް ދިން ފަރާތާއެކު ޤާއިމްކުރި އެއްބަސްވުމުގެ މުއްދަތު 2015 ވަނަ އަހަރު ހަމަވެފައިވާއިރު، އެއެއްބަސްވުން މިހާތަނަށް އާކޮށްފައި ނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މިކަންކަން އިސްލާހުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ފިޝަރީޒް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.
މިމައްސަލަތަކުގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ހަރުމުދަލުގެ ރަޖިސްޓްރީ ޤާނޫނާ އެއްގޮތަށް ބަލަހައްޓަމުން ގޮސްފައިނުވާތީ އެކަން އިސްލާހުކުރުމަށްވެސް އޮޑިޓަރ ޖެނަރަލް ވަނީ އަންގަވާފައެވެ.