ކުޅިވަރު

13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފުރަތަމަ ރަން މެޑަލް ރާއްޖެއަށް


ސައުތު އޭޝިޔަން ގޭމްސްގައި 100 މީޓަރު ދުވުމުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ރަން މެޑަލް ހޯދައިފި އެވެ.

ސާއިދުގެ މި ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވަނީ މަރުޚަބާ ދަންނަވާފައެވެ.
މިއީ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފުރަތަމަ ރަންމެޑަލެވެ. އަދި ސައުތު އޭޝިއަން ގޭމްސަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑަލް ވެސްމެއެވެ.

ސާއިދު ރަން މެޑަލް ހޯދީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފައިނަލް ހީޓުގައި ސާއިދާ ވާދަކޮށް ދެވަނައަށްދިޔަ ލަންކާގެ ހިމާޝާ އީޝާން ރޭސް ނިންމާލީ 10.50 ސިކުންތުން ނެވެ.
ފައިނަލު ހީޓުން ލޯމެޑަލް ހޯދީ ޕާކިސްތާންގެ ދުވުންތެރިޔާ ސާމިއުއްލާ އޭނާ ރޭސް ނިންމާލީ 10.66 ސިކުންތުންނެވެ. ރޭސްފަށައިގެން ހިމާޝާ ކުރީގައި އޮތް ނަމަވެސް ފަހުވަގުތު ސާއިދު ވަނީ އޭނާ ފަހަތައް ޖައްސާ ކުރިހޯދާފައެވެ.

100 މީޓަރު ދުވުމުން ސާއިދު ފައިނަލަށް ދިޔައީ ހީޓުން ތިންވަނަ ހޯދައިގެންނެވެ. މި ހީޓްގައި ދެވަނަ ހޯދި އިންޑިޔާގެ ގުރިންދަވަރު ސިންގ ދިޔައީ ފައިނަލު ހީޓުގައި ފަސްވަނައަށެވެ. މި ހީޓުގައި ސާއިދާ އެންމެ ވާދަކުރި ލަންކާގެ ދުވުންތެރިޔާ ހިމާޝާ އިޝާން ވަނީ މިދިޔަ ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް ސާއިދާ ވާދަކޮށްފައެވެ. ސާއިދު ރިހިމެޑަލް ހޯދި އެ ގޭމްސްގައި ހިމާޝާ ރޭސް ނިންމާލީ އެއްވަނައިގައެވެ.

2015 ވަނަ އަހަރު އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ މިހީޓްގައި 10.51 ސިކުންތުން ރޭސް ނިންމާލައިގެން ސާއިދު ވަނީ ރަންމެޑަލް ހޯދާފައެވެ. އެއީ ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ އެތުލީޓަކަށް ލިބުނު ފުރަތަމަ ރަންމެޑަލެވެ.

މިއަދު ހޯދި ރަންމެޑަލާ އެކު ރާއްޖޭން ވަނީ ސައުތު އޭޝިޔަން ގޭމްސްގައި މިހާތަނަށް ޖުމްލަ 05 މެޑަލް ހޯދާފައެވެ. އެއީ 1991 ވަނަ އަހަރު ފުޓްބޯޅައިން ހޯދި ރިހި މެޑަލާއި 2016 ވަނަ އަހަރު، ސާއިދު 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ހޯދި ރިހިމެޑަލާއި 2010 ވަނަ އަހަރު ސަތޭކަ ހަތަރެއް ގުނަ ސަތޭކަ މީޓަރު ރިލޭގެ ޓީމު އިވެންޓުގެ ރިހި މެޑަލެވެ.

ސާއިދު ވަނީ 2016 ވަނަ އަހަރު އިންޑިޔާގެ ބޭއްވި އިންޑިޔަން ގްރޭން ޕްރީ އެތުލެޓިކްސް މުބާރާތުން ވެސް 100 މީޓަރު ދުވުމުން ރަންމެޑަލް ހޯދާފައެވެ.

ސައުތު އޭޝިޔަން ގޭމްސްގައި ސާއިދު ފުރަތަމަ ވާދަކުރީ 2010 ވަނަ އަހަރުއެވެ. މިއަދު ހޯދި ރަން މެޑަލްއާއެކު އޭނާ ވެގެން ގޮސްފަވާނީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އެތުލީޓަށެވެ.