ޚަބަރު

މަޖިލީހުގެ ދައުރު އަނެއްކާވެސް އިތުރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެފަހު ދައުރު ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މަޖިލީހުގައި އަދިވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރުމަށް ހުރުމާއެކު މިދިޔަ ހަފްތާގައިވެސް ވަނީ މަޖިލީހުގެ ދައުރު މިމަހުގެ 5 ވަނަ ދުވަހާ ހަމައަށް އިތުރުކުރުމަށް ނިންމާފައެވެ. މަޖިލީހުގެ މި ދައުރުގައި ނިންމުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ބަޖެޓް ފާސްކުރުމާއި، ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާހުތައް ފާސްކުރުންވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލިސް ހިންގަމުންދާނީ ތިން ދައުރަކަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ފެށޭނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް މަޖިލީހުގެ ޤަވާއިދު ބުނެއެވެ.

މަޖިލީހުގެ މެންބަރުންނަށް ކޮންމެ އަހަރަކުވެސް ތިން މަސް ދުވަސް، ޗުއްޓީގެ ގޮތުގައި ލިބެއެވެ.