ވިޔަފާރި

ހޮންގކޮންގ އެއަރލައިންސް ހުއްޓާލަންޖެހިދާނެކަމުގެ ބިރުބޮޑުވެއްޖެ


ހޮންގކޮންގ އެއަރލައިންސްއަށް މާލީ ގެއްލުންތައް ކުރިމަތިވެ، އެއަރލައިނަށް ދީފައިވާ ލައިސަންސް ބާތިލުކުރުމުގެ ބިރު ބޮޑުވެއްޖެއެވެ.

ހޮންގކޮންގެ ދެވަނައަށް އެންމެ ބޮޑު އެއަރލައިން ސަސްޕެންޑުކުރުން ނުވަތަ ދީފައިވާ ލައިސަންސް ބާތިލުކުރުމުގެ ބިރު ބޮޑުވެފައި މިވަނީ، އެ އެއަރލައިންގެ މާލީ ޙަލަތު ގޯސްވެ، އެކަމާ ގުޅިގެން ފިޔަވަޅު އަޅަން ޖެހިދާނެކަމަށް ހޮންގކޮންގެ ކަމާބެހޭ އިދާރާތަކުން އިންޒާރުދީފައިވަނިކޮށެވެ.

ހޮންގކޮންގެ ޓްރާންސްޕޯޓް އެންޑް ހައުސިންގ ބޯޑުން ބުނީ މިދިޔަ ހަފްތާގައި ހޮންގކޮންގ އެއަރލައިންގެ އިސް ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅުންގެ ކަންބޮޑުވުންތައް ޚިއްސާކޮށްފައިވާކަމަށެވެ. އަދި އެއަރލައިންގެ ޚިދުމަތްތައް ކުރިއަށްގެންދިއުމުގެ މާލީ ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމަށް މިމަހުގެ 7 ވަނަ ދުވަހާ ހަމައަށް ހޮންގކޮންގ އެއަރލައިނަށް މުހުލަތެއް ދީފައިވާކަމަށް ހޮންގކޮންގެ ޓްރާންސްޕޯޓް އެންޑް ހައުސިންގ ބޯޑުން ބުނެއެވެ. އަދި މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އެއަރލައިނަށް އެކަން ސާބިތުކޮށް ނުދެވިއްޖެނަމަ، ހޮންގކޮންގ އެއަރލައިންސްއަށް ދީފައިވާ ލައިސަންސް ސަސްޕެންޑްކުރަން ނުވަތަ ބާތިލުކުރުމާމެދު ގޮތެއް ނިންމާނެކަމަށްވެސް ހޮންގކޮންގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މައްސަލަތައް ބޮޑުވެފައިވާއިރު، ހޮންގކޮންގ އެއަރލައިނުން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ހޮންގކޮންގ އެއަރލައިނަކީ ޕަބްލިކް ކުންފުންޏަކަށް ނުވުމުން އެކުންފުނީގެ މާލީ ހިސާބުތައް އާއްމުކުރާކަށް ނުޖެހެއެވެ. އެހެންކަމުން އެކުންފުނީގެ މާލީ ހާލަތު ކަމާބެހޭ ފަރާތްތަކަށް ޔަޤީންކަމާއެކު ބުނާކަށް ނޭނގެއެވެ. ނަމަވެސް މިދިޔަ އޭޕްރީލްމަހު އެކުންފުނީގެ ހިއްސާދާރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކުންފުންޏަށް މާލީގޮތުން ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އަދި ކުންފުންޏަށް އިތުރު 255 މިލިއަން ޑޮލަރު ބޭނުންވާކަމަށްވެސް އެއަރލައިނުން ބުނެއެވެ.

މާލީ މައްސަލަތަކާ ގުޅިގެން ހޮންގކޮންގެ ދެވަނައަށް އެންމެ ބޮޑު އެއަރލައިން ހުއްޓާލުމުގެ ބިރު ހީވެފައިވާއިރު، އެހެން ބައެއް ޤައުމުތަކުގެ އެއަރލައިންތަކަށްވެސް މިއަހަރު މާލީ ގެއްލުންތައް ކުރިމަތިވެ، ހުއްޓާލަންޖެހިފައިވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ޖެޓް އެއަރވޭސްއާއި، އިނގިރޭސިވިލާތުގެ ތޯމަސް ކުކް އަދި އައިސްލެންޑުގެ "ވައު" ހިމެނެއެވެ.

ހޮންގކޮންގައި ހިނގާ ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ، ވިޔަފާރިތަކަށް ގެއްލުންތައް ކުރިމަތިވިޔަސް، އޭގެ ކުރިންވެސް ހޮންގކޮންގ އެއަރލައިނަށް ދިޔައީ ގެއްލުންވަމުންކަމަށް ޚަބަރުތައް ބުނެއެވެ. އެއާއެކު ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދަތިތަކެއް ކުރިމަތިވެ، ބައެއް މަންޒިލްތަކަށް ކުރަމުންދިޔަ ދަތުރުތައްވެސް ހޮންގކޮންގ އެއަރލައިނުން ވަނީ ހުއްޓާލާފައެވެ.