ވިޔަފާރި

އުރީދޫއިން ރާއްޖެއަށް "ވައިފައި ކޯލިންގ" ޚިދުމަތް ތަޢާރަފްކޮށްފި


އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް "ވައިފައި ކޯލިންގ" ނުވަތަ ވޮއިސް އޯވަރ ވައިފައިގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

ކަލަރ ރަން ހަރަކާތާ ގުޅުވައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވައިފައި ކޯލިންގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލުއެވެ.

އުރީދޫއިން ރާއްޖެއަށް ތަޢާރަފްކުރި ވައިފައި ކޯލިންގެ ޚިދުމަތަކީ ބްރޯޑްބޭންޑް އަދި ސުޕަރނެޓްގެ ވައިފައި ކަނެކްޝަން މެދުވެރިކޮށް ފަސޭޙަކަމާއެކު ފޯނުކޮށްލެވޭ ޚިދުމަތެކެވެ. މިޚިދުމަތުގެ ސަބަބުން ރޭންޖު ނުލިބިގެން ފޯނުކުރުމަށް ދިމާވާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަަމަށް އުރީދޫއިން ބުނެއެވެ.

ވައިފައި ކޯލިންގެ ޚިދުމަތް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ކައިރި އެހެން ޤައުމުތަކަށް އެންމެފަހުގެ ޓެކްނޮލޮޖީތައް ތަޢާރަފްވުމުގެ ކުރިން، އެފަދަ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފްވެގެންދިއުމަކީ ރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ.

އުރީދޫއިން ރާއްޖެއަށް ވައިފައި ކޯލިންގެ ޚިދުމަތް ތަޢާރަފްކޮށްފައިވާއިރު، މިޙިދުމަތަށް އިތުރު އަގެއް ނުނަގާނެކަމަށް އުރީދޫއިން މަޢުލޫމާތުދެއެވެ. އަދި މިވަގުތު މިޚިދުމަތް ލިބޭނީ އެންމެފަހުގެ ފޯނުތަކަށްކަމަށްވެސް އުރީދޫއިން ބުނެއެވެ.