ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހަށް ހުޅުވާލާފައިވާކަމަށެވެ. އަދި މިކަމަށް އެދޭ ފޯމް ރަސްމީ ދުވަސް ދުވަހު ހެނދުނު އަށަކުން މެންދުރު ދޭކަށް މާލެ ސިޓީ ކައުންސިލުން ލިބެންހުންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ ފޯމް ބަލައިގަންނާނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓު ލިބޭނެކަމަށްވެސް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމައިފައިވާއިރު، ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ޢަދަދު އިތުރުކޮށް، ގޮޅިތައް ދޫކުރުމާގުޅޭ އުޞޫލުތައް ވަރަށް އަވަހަށް އާއްމުކުރާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އަދި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ސައިޒާމެދު ކައުންސިލް މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ސިޓީ ކައުންސިލްގެ މިހާރުގެ ވިސްނުންހުރީ އެތަނުގައި ޖާގައޮތް މިންވަރަކުން ވީހާވެސް ގިނަ ގޮޅި ދޫކުރަންކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހިން ބޭނުންކޮށްގެން ގޮޅިތައް ހިންގުމަށް ޝަޢުގުވެރިވާ ވިޔަފާރިވެރިންނާއި މާލޭ ސިޓީ ކައުންސިލުން ދާދިފަހުން ބައްދަލުކޮށް، އެކަމުގައި ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދާފައިވާއިރު، އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ މާރުކޭޓް ގޮޅިތަކުގެ ސައިޒާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.