 
					
									
			ސްޕޭނުގެ މިހާރުގެ ކޯޗު ލުއިސް އެންރީކޭގެ އެސިސްޓެންޓެއްގެ ގޮތުގައި އޭނާ ބަހައްޓަން ބޭނުންނުވާ ކަމަށް ބުނެ އެންރީކޭ ކަންތައްތައް ކޮށްފައިވަނީ ވަރަށް ގޯސްކޮށް ކަމަށް ކުރީގެ ކޯޗު ރޮބާޓޯ މޮރޭނޯ ބުނެފި އެވެ.
 
މޮރޭނޯ ސްޕޭނުގެ ކޯޗުކަމާ ހަވާލުވީ އާއިލީ ސަބަބަކަށްޓަކައި އެންރީކޭ މިދިޔަ ޖޫން މަހު ކޯޗުކަމުން ވަކިވުމުންނެވެ. އެއީ އޭނާގެ 9 އަހަރުގެ ދަރިފުޅަށް ކެންސަރު ޖެހުމުގެ ސަބަބުންނެވެ. ނަމަވެސް އޯގަސްޓް މަހު ދަރިފުޅު ނިޔާވުމުން މިމަހު ކުރީކޮޅު އެންރީކޭ ވަނީ އަލުން ކޯޗުކަމާ ހަވާލުވެފަ އެވެ. 
އެންރީކޭ އާއި މޮރޭނޯ އަކީ ދުވަސްވީ ދެ ރަހުމަތްތެރިންނެވެ. ނަމަވެސް ދެ މީހުންގެ މެދުގައި މައްސަލަ ޖެހުނީ އެންރީކޭ އަލުން ކޯޗުކަމާ ހަވާލުވާން ބޭނުންނަމަ ކޯޗުކަން ދޫކޮށްލާނެ ކަމަށް ބުނެ  މޮރޭނޯ ދެއްކި ވާހަކަތައް އެހެން ގޮތަކަށް ބަދަލުކުރުމުންނެވެ.
އެންރީކޭ ބުނީ އޭނާގެ ގެއަށް ގޮސް މޮރޭނޯ ބުނެފައިވަނީ 2020 ވަނަ އަހަރުގެ ޔޫރޯގައި ކޯޗުކޮށްދޭން ބޭނުންވާ ވާހަކަ ކަމަށެވެ. ނަމަވެސް ނޫސްވެރިން ގާތުގައި ބުނެފައިވަނީ އޭނާ އެނބުރި އަންނަން ބޭނުންނަމަ މަޤާމު ދޭނެ ވާހަކަ ކަމަށާއި މިއީ މޮރޭނޯ ވަފާތެރިނޫން ކަމުގެ ހެއްކެއް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން މޮރޭނޯ ބުނެފައިވަނީ އޭނާގެ މަސައްކަތަށް އެންރީކޭ ތަޢުރީފްކުރި ކަމަށެވެ. ނަމަވެސް އެއާއެކު އެސިސްޓެންޓެއްގެ ގޮތުގައި އޭނާ ބޭނުން ނުވާ ވާހަކަ ބުނުމުން ހައިރާންވި ކަމަށާއި އެންރީކޭ ކަންތައްތައް ކޮށްފައިވަނީ ވަރަށް އަގަލުކުޑަކޮށް ކަމަށެވެ.