ވިޔަފާރި

އިންޑިއާގެ އިޤްތިޞާދީ ދުވެލި އަނެއްކާވެސް ދަށަށް!


މިދިޔަ ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދީ ދުވެލި ކުރިއެރި މިންވަރު މިދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފިއެވެ.

އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހުކުރު ދުވަހު ޢާއްމުކޮށްފައިވާ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދީ ދުވެލި ހުރީ 5 އިންސައްތައިގައެވެ. ނަމަވެސް ސެޕްޓެމްބަރުމަހު ނިމުނު މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދީ ދުވެލި ވަނީ 4.5 އިންސައްތައަށް ދަށްވެފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި އިންޑިއާގެ އިޤްތިޞާދީ ދުވެލި ހުރި 7 އިންސައްތައާ އަޅާބަލާއިރު މާބޮޑަށްވެސް ދަށް އަދަދެކެވެ. އަދި މިއީ 2013 ވަނަ އަހަރަށްފަހު އިންޑިއާގެ އިޤްތިޞާދީ ދުވެލި 5 އިންސައްތައަށްވުރެ ދަށަށް ދިޔަ ފުރަތަމަ ކުއާޓަރެވެ.

އިންޑިއާގެ އިޤްތިޞާދީ ދުވެލި ދުވަހެއް ދުވަހަކުން ދަށަށްދާއިރު މީގެ އެންމެ ބޮޑު ސަބަބަކީ އިންޑިއާގެ އުފެއްދުންތެރިކަމުގެ ސިނާޢަތް ދަށަށް ދިއުންކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން މެނުފެކްޗަރިން ސިނާޢަތާއި ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރި މިންވަރު ވަނީ މިދިޔަ ކުއާޓަރުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އިންޑިއާގެ އިޤްތިޞާދަށް މައްސަލަތަކެއް ކުރިމަތިވެފައިވާއިރު ދެވަނަ ދައުރަކަށް ހޮވިވަޑައިގަތްފަހުން އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންދަވަނީ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޓެކްސްއަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި އަގުހެޔޮ ލޯނުތައް ތަޢާރަފްކުރުން ހިމެނެއެވެ.