ޚަބަރު

ރައީސް ޔާމީން މާފުށި ޖަލަށް ބަދަލުކުރަނީ


5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދުގެ ވަގުތެއްގައި މާފުށި ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ބަދަލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މެޑިކަލް އަދި އެހެނިހެން އިޖުރަޢާތްތައް ފުރިހަމަކޮށް ނިމިފައިވާކަމަށެވެ. އެހެންކަމުން މިއަދުގެ ވަގުތެއްގައި ރައީސް ޔާމީން މާފުށި ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ކަރެކްޝަންސްއިން މަޢުލޫމާތުދޭ ގޮތުގައި ޖަލު ޙުކުމެއް އިއްވާފައިވާ ރައީސް ޔާމީން މިވަގުތު ބަހައްޓާފައި ހުރީ މާލޭ ޖަލުގައެވެ.

ރައީސް ޔާމީން މާލޭ ޖަލުގައި ބަހައްޓާފައިވާއިރު، އެމަނިކުފާނު ހުންނެވި ގޮޅީގެ ޙާލަތު ދަށްކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށް އެޗްއާރުސީއެމްއިން އެދިވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން އެޗްއާރުސީއެމްގެ 3 ބޭފުޅަކު މާލެ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވާކަމަށް މުނާޒް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގ ކުށް ސާބިތުވާކަމަށް ކަނޑައަޅާ، 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ. އެޙުކުމާއެކު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ދަނީ ޙުކުމް އިސްތިއުނާފްކުރުމުގެ މަސައްކަތް ކުރަމުންނެވެ.