ޚަބަރު

ލަންޑަން ބުރިޖުމަތީ ބަޔަކަށް ވަޅިން ޙަމަލާދީފި


އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މަޝްހޫރު ލަންޑަން ބުރިޖުމަތީ ބަޔަކަށް ވަޅިން ޙަމަލާދީފިއެވެ. ނަމަވެސް، މިޙަމަލާގައި ޒަޚަމްވީ ކިތައް މީހުންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ލަންޑަންގެ ފުލުހުން ބުނީ ލަންޑަން ބުރިޖުމަތީގައި ޙާދިސާއެއް ހިނގާފައިވާކަމަށާއި އެ މައްސަލައާ ގުޅުންހުރި މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުންވަނީ އެ ސަރަޙައްދު ބަންދުކޮށް، ޢާންމުން ދުރުކުރަމުންނެވެ. އަދި އެ ސަރަޙައްދަށް ނުދިއުމަށްވެސް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުންވަނީ ޙަމަލާދިންކަމަށް ބެލެވޭ މީހާ ގަޔަށް ބަޑި ޖަހާފައެވެ. ނަމަވެސް، އެ މީހާ މަރުވިކަމެއް އަދި ކަށަވަރެއް ނުވެއެވެ. އަދި މި ޙަމަލާ ދިނުމުގައި ބައިވެރިވީ ކިތައް މީހުންކަމެއްވެސް އަދި ކަށަވަރެއް ނުވެއެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މީހަކުވަނީ ވަޅިން ބަޔަކަށް ޙަމަލާދީފައެވެ. އޭގެ އިރުކޮޅެއް ފަހުން ބަޑި ޖެހި އަޑި އިވިފައިވާކަމަށްވެސް އެ މީހުން ބުނެއެވެ. އަދި ވަޅިން ޙަމަލާ ދިން މީހާ ހުއްޓުވަން އެންމެ ފުރަތަމަ މަސައްކަތްކުރީ ޢާންމުންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

2017ވަނަ އަހަރުވެސް ލަންޑަން ބުރިޖުމަތީގައި ޙަމަލާއެއް ދީފައިވެއެވެ. ބުރިޖުމަތީގައި ތިބި މީހުންގެ ތެރެއަށް ވޭނެއް ދުއްވާފައި އައިސް، އެ އުޅަންދުގައި ތިބި 3 މީހަކުވަނީ ވަޅިން ޢާންމުންނަށް ޙަމަލާދީފައެވެ. މި ޙަމަލާގައި 11 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ޙަމަލާ ދިން 3 މީހުންވެސް ހިމެނެއެވެ. މި ޙަމަލާގެ ޒިންމާ އުފުލީ އައިއެސް ޖަމާޢަތެވެ.