ޚަބަރު

ޕީޖީގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި


ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ޕީޖީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި ޕީޖީގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައިޝަތު ބިޝަމް މިއަދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ބިޝާމް މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ އެ މަގާމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތް ކުރަމުން ގެންދަނިކޮށެވެ.

ބިޝާމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާ މަޤާމުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީން ކުރަމުންދާ މަސައްކަތްތަކީ އިހްލާސްތެރިކަމާއެކު ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި ކަން ބަލައިނުގަންނަ ކަމަށް ނުގަންނަކަމަށްވެސް ބިޝާމްގެ ބަޔާނުގައިވެއެވެ.

ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.