ޚަބަރު

ސުޕްރީމްކޯޓްގެ ބެންޗަށް މުޢުތަޞިމާއި ޞުއޫދާޢި ރައޫފް އައްޔަން ކުރަން ފޮނުވައިފި


އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަޙްމަދު މުޢުތަޞިމް އަދްނާން އައްޔަންކޮށް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްޞުއޫދާޢި ޢަބްދުއްރައޫފް އިބްރާހީމް އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ.

ސުޕްރީމްކޯޓުގެ ބެންޗަށް މުޢުތަޞިމާއި ޙުސްނުއްޞުއޫދާޢި ޢަބްދުއްރައޫފް އައްޔަންކުރުމާއި ގުޅޭ ގޮތުން ޖޭއެސްސީގެ މަޝްވަރާއަށް ފޮނުއްވިކަން ރައީސް ހާމަކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ސުޕްރީމްކޯޓުގެ ބެންޗަށް ފަނޑިޔާރުން އައްޔަންކުރަނީ އުއްތަމ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޑރ އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރުން ރައްޔިތުން މަޖިލީހުން ފާސްކުރުމުންނެވެ. އަދި އެކޯޓްގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދު އަރީފު މަޤާމުން ރިޓަޔަރ ކުރެއްވުމުންނެވެ.

އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައީސް މަޝްވާރާއަށް ފޮނުއްވި އަޙްމަދު މުޢުތަޞިމް އަދްނާނު ވަނީ މީގެ ކުރިންވެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޤާނޫނަށް ބަދަލު ގެނެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަަދަދު ފަހަކަށް ބަދަލުކުރުން މުޢުތަޞިމް އަދްނާނާއި އޭރުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ފާއިޒުގެ މަޤާމުގެ ގެއްލިގެންދިޔައެވެ.

ޙުސްނުއްޞުއޫދު މިހާރު ހުންނެވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލި ކޮމިޝަންގެ ރައީސްގެ ގޮތުގައެވެ. ޢަބްދުއްރައޫފް އިބްރާހީމަކީ ހައިކޯޓްގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މި ތިން ބޭފުޅުން ސުޕްރީމު ކޯޓްގެ ބަންޗަށް އައްޔަންކުރުމަށް ރައީސް ލަފަޔަކަށް އެދިވަޑައިގެންފައިވާއިރު ސުޕްރީމްކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތު ހަމަވީ މިއަދު ހަވީރު ހަތަރެއް ޖެހިއިރުއެވެ. ޤާނުނު އަސާސީ ބުނާގޮތުން ސުޕްރީމުކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފަޔާއި އެކު ރައީސުލްޖުމްހޫރިއްްޔާ ރައްޔިތުން މަޖިލީހަށް ނަން ފޮނުއްވާ ބޭފުޅުންނެވެ.

ސުޕްރީމްކޯޓުގެ ހިނގުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީ ދާދީ ފަހުން އެކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުއާއިއެވެ. އެކޯޓްގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ސުޛޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރުން އަބްދުލްޣަނީ މުހައްމަދެވެ. މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ޣަނީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ނިންމާފައެވެ.