ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލަ ބައްލަވާ ބެންޗުގައި ޤާޒީ ޢަލީ ރަޝީދު އިންނަވާތީ ޕީޕީއެމް ޕީއެންސީން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިދިކޮޅު ޕާޓިތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީއެންސީގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ކްރިމިނަލް ކޯޓްގެ އިސް ޤާޒީ ޢަލީ ރަޝީދު އިންނަވާތީ އެކަމުގެ ކަންބޮޑުވުން އެ ކޯޓްގެ ރަޖިސްޓްރާއާއި ބައްދަލުކޮށް އެ ވާހަކަތައް ހިއްސާކޮށްފައިވާނެކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެންމެ ފަހުވަގުތާއި ހަމައަށްވެސް އެހެން ބޭފުޅަކު އެ ބެންޗަށް އައްޔަންކުރެވޭތޯ މަސައްކަތްކުރައްވާނެކަމަށެވެ. ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓްގެ އިސް ޤާޒީ އަޙްމަދު ހައިލަމް ސަސްޕެންޑްކުރުމުން އެކޯޓްގެ އިސް ޤާޒީއަކަށް ހަމަޖައްސާފައިވަނީ ފަނޑިޔާރު ޢަލީ ރަޝީދެވެ. ނަމަވެސް ޢަލީ ރަޝީދު މީޑިއާއަށް އިންޓަރވިއު ދެއްވީ ޤާނޫނާއި ހިލާފަށްކަމަށް ބުނެ އިދިކޮޅޫ ފަރާތްތަކުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބެންޗާއި މެދު ގޮތެއް ނިންމާ ދިނުމަށް ސުޕްރީމްކޯޓަށް ވަނީ ހުށައަޅާފައެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު މި މައްސަލަ ނެގުމުން މައްސަލަ ބައްލަވާ ބެންޗުން އެކަމާއި މެދު ގޮތެއް ނިންމެވުމަށް އަދު އެހުން މެދު ކަނޑާލިއެވެ. އެއަށްފަހު އެކަމުގައި ނިންމެވި ގޮތް އިއުލާންކުރައްވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް މީޑިއާއަށް އެއްވެސް މައުލޫމާތު ދެއްވާފައި ނުވާނެކަމަށެވެ. އަދި ހިގަމުންދާ މައްސަލައާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެކަމަށާއި އެ މައްސަލަ ބަލާ ބެންޗުން ނިންމާނީ ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއި އެކު ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯނަޑަރިންގެ މައްސަލާގެ ޙުކުމް އިއްވުން މާދަމާއަށް ވަނީ ތާވަލްކޮށްފައެވެ.