ޚަބަރު

ހައްމާދަށް ހަމަލާދިންކަމަށް އެއްބަސްވެ ކުރި ޒުވާބު ކިޔާދީފި


ލަނޑާ ނަގަން ނުކުތް ދޯނި ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ޒަހަމްކޮށްލި މީހާއަށް ހަމަލާދިން މީހާ އެކަމަށް އެއްބަސްވެ އެ ދެމީހުންގެ ދޭތެރޭ ހިނގި ޒުވާބު ފުލުހުންނަށް ކިޔާދީފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލަނޑާ ނަގާ ދޯނީގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ރ.މަޑުއްވަރި ފެހި އަލި، އިސްމާޢީލް ޙައްމާދެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މި ހާދިސާ ހިނގި ވަގުތު ދޯނީގައ ތިބީ ތިން މީހުންކަމަށާއި ހައްމާދަށް ހަމަލާދީނީ އިސްމާއިލް އާސިފް ކިޔާ މީހެއްކަމަށެވެ.

މިގޮތުން ބަންދުގެ މުއްދަތުގެ މަޖިލީހަށް ގެންދިޔުމުން އެނާ ކުށަށް އިއުތުރާފުވެ ހައްމާދަށް ހަމަލާދިން ވަޅި އެއްލާލިތަން ފުލުހުންނަށް ކިޔާދީފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މި ވަޅި އެ ހާދިސާ ހިނގި ސަރަހައްދުގެ 15 މީޓަރު އަޑީގައި އޮއްވާ ފުލުހުން އިއްޔެގެ ވަގުތެއްގައި ނަގާފައިވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

މި މައްސަލާގައި ކަން ހިންގާދިޔަ ގޮތާއި ދެމީހުންގެ މެދުގައި ހިނގި ޒުވާބު ތަހުޤީގަށް އެ ދެމީހުންވެސް ކީޔާދީފައިވާކަމަށް ހަމީދު ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ކޮމިޝަނަރ ހާމައެއް ނުކުރައްވައެވެ.

ކޮމިޝަނަރ ވިދާޅުވީ މި މައްސަލާގައި ހިމެނޭ މީހުން ޑިންގީއެއް ވަގަށް ނެގިކަމަށް ބުނާ ފޮޓޯތަކެއް ފުލުުހުންނަށް ލިބިފައިވާކަމަށާއި އެމައްސަލަވެސް ފުލުހުން ތަހުޤީގުކުރަމުން އަންނަކަމަށެވެ.

މި މައްސަލާގައި ހިމެނޭ ހައްމާދަކީ ކުށުގެ ރެކޯޑްތައް އޮތް މީހެއްކަމަށެވެ. މިގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަދުވަހު ގިނަ އަދަދެއްގެ ތަކެތި ޖަލަށް ވައްދަން މަސައްކަތް ކުރަނިކޮށް ހައްމާދު ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ. އަދި މި ނޫންވެސް ކުށުގެ ރެކޯޑް އޭނާގެ އެބައޮތްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ހައްމާދަކީ 2012 ވަނަ އަހަރު ހިނގި ސިޔާސީ ހަމަނުޖެހުންތަކުގައި ވީޓީވީއަށް ހަމަލާދީން މައްސަލާގައި 7 އަހަރުގެ ޖަލު ހުކުމެއް އިއްވާފއިވާ މީހެކެވެ. އަދި އޭނާއަށް ތޫނު އެއްޗަކުން ހަމަލާދިން އާސިފަކީ ޖިހާދުކުރުމަށް ސީރިއާއަށް ދަނިކޮށް ލަންކާ މަގުން ހިފަހައްޓާ މާލެ ގެނެސްފައިވާ މީހެކެވެ.