ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ބީޗް ވޮލީބޯޅައިގެ ރެފްރީންގެ އިސްފަރާތަކަށް ޙުސައިން


ނޭޕާލްގެ ވެރިރަށް ކަތަމަންޑުއާއި ޕޮކާރާގައި ބާއްވާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓްގެ ރެފްރީންގެ ކަންތައްތަކާއި ބެހޭ އިސްފަރާތަކަށް، ރާއްޖޭގެ ތަޖުރިބާކާރު ބީޗް ވޮލީ ރެފްރީ ޙުސައިން މުޙައްމަދު ހަމަޖައްސައިފިއެވެ.

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ) އާއި އޭޝިއާގެ ޖަމިއްޔާ، އޭޝިއަން ވޮލީބޯލް ފެޑެރޭޝަން (އޭވީސީ)ގެ ބީޗް ވޮލީބޯޅައިގެ ގިނަ އިވެންޓުތަކެއްގައި ރެފްރީކަން ކޮށްފައިވާ ޙުސައިނަށް މި ޒިންމާ ހަވާލުކުރީ ފާއިތުވި އަހަރުތަކުގައި އޭނާ ބައިނަލްއަޤުވާމީ އެކި މުބާރާތްތަކުގައި ކޮށްފައިވާ މަސައްކަތް ރަނގަޅުވުމުންނެވެ.

ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓްގައި ޙުސެއިންގެ ޒިންމާއަކަށް ވެގެންދާނީ މެޗުތަކަށް ރެފްރީން ހަމަޖެއްސުމާއި، އިވެންޓްތައް ކުރިޔަށްދާގޮތް ބެލެހެއްޓުމެވެ. އަދި އިވެންޓާއި ގުޅޭ މުހިއްމު ހުރިހާ ނިންމުންތަކެއްގައި ގޮތް ނިންމާނީ ޙުސެއިނާއި ޓެކްނިކަލް ސުޕަވައިޒަރުންގެ މަޝްވަރާއަށް ފަހުއެވެ.

މިހާތަނަށް ޙުސައިން ރެފްރީކަން ކުރި ފާހަގަކޮށްލެވޭ މުބާރާތް ތަކުގެތެރޭގައި، އޭޝިއަން ގޭމްސް، އޭޝިއަން ބީޗް ގޭމްސް، އެފްއައިވީބީ ވޯލްޑް ޓުއަރގެ އިތުރުން ޖޫނިއާ ލެވެލްގެ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް ހިމެނެއެވެ. ޙުސައިން ވަނީ އެ މުބާރާތްތަކުގެ ސެމީ ފައިނަލާއި ފައިނަލް މެޗުތަކުގައި ވެސް އިންސާފުކޮށްފައެވެ.

ސައުތު އޭޝިއަން ގޭމްސް ރަސްމީކޮށް ޑިސެމްބަރު 1 ގައި ފަށަން ހަމަޖައްސާފައިވާއިރު، ގޭމްސްގެ ވޮލީބޯޅައިގެ އިވެންޓްތައް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބީޗް ވޮލީގެ އިވެންޓްތައް ފަށާނީ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ނޭޕާލުގެ ޕޮކާރާގައެވެ.