ޚަބަރު

ގަލްފުގައި އުފައްދާ ކަނޑުގެ އިއްތިޙާދުގެ މައި މަރުކަޒު ހުންނާނީ އަބޫ ދާބީގައި: ފަރަންސޭސިވިލާތް


ގަލްފް ކަނޑުގެ ސަރަޙައްދު ޙިމާޔަތްކުރުމަށް ވިލާތުގެ ޤައުމުތަކުން އިސްނަގައިގެން އުފައްދާ އިއްތިޙާދުގެ މައި މަރުކަޒު ޤާއިމުކުރާނީ އަބޫދާބީގައިކަމަށް ފަރަންސޭސިވިލާތުގެ ދިފާޢީ ފްލޮރެންސް ޕާލީ ވިދާޅުވެއްޖެއެވެ.

ގަލްފް ކަނޑުގެ ސަރަޙައްދު އަދި ޚާއްސަ ގޮތެއްގައި ހަރްމޫޒްގެ ކަނޑުއޮޅި ޙިމާޔަތްކުރުމަށް ވިލާތުން އިސްނަގައިގެން އަސްކަރީ އިއްތިޙާދެއް އުފެއްދުމަށް ނިންމާފައިވަނީ މިއަހަރުގެ ކުރީކޮޅު އެ ސަރަޙައްދުގައި އަޅާފައިއޮތް ތެޔޮ ޓޭންކަރުތަކަކަށް ޙަމަލާތައް ދިނުމާ ގުޅިގެންނެވެ. މި ޙަމަލާގެ ފަހަތުގައިވަނީ އީރާނުކަމަށް ހުޅަނގުގެ ބާރުތަކުން ބުނެފައިވީ ނަމަވެސް އީރާނުން މި ތުޙުމަތުތައް ދޮގުކުރެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ފަރަންސޭސިވިލާތުގެ ދިފާޢީ ވަޒީރު ފްލޮރެންސް ޕާލީ ވިދާޅުވީ މި އަސްކަރީ އިއްތިޙާދުގެ މައި މަރުކަޒަކަށް ކަނޑައަޅާނީ އަބޫ ދާބީގައި މިހާރުވެސް ހުރި ފަރަންސޭސިވިލާތުގެ އަސްކަރީ މަރުކަޒެއްކަމަށެވެ. އޭނާ ވިދާޅުވީ މި މަރުކަޒުގައި އަސްކަރީ އިއްތިޙާދުގެ މަސައްކަތްތައް ހިންގުމަށް ވިލާތުގެ ޤައުމުތައް ތަމްޞީލުކުރާ އެކިއެކި އޮފިޝަލުން ބައިވެރިވަޑައިގަންނަވާނެކަމަށެވެ. މީގެ އިތުރުން، ޕާލީ ވިދާޅުވީ ދާދި އަވަހަށް މި މަރުކަޒުގެ މަސައްކަތްތައް ފެށިގެންދާނެކަމަށާ ޔޫއޭއީން މިކަމަށް ދެމުންދާ ތާޢީދަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ގަލްފް ސަރަޙައްދަށް ދީފައިވާ ޙަމަލާތަކުގެ ފަހަތުގައިވަނީ އީރާނުކަމަށް ޔޫއޭއީންވެސް ޤަބޫލުކުރާއިރު އެ ޤައުމުން ވަނީ އީރާނާއެކު މަޝްވަރާތައްކުރުމަށް ގޮވާލާފައެވެ.